ނަފުރަތުގެ ބިލަށް ކޮމިޓީން ގެންނަ އިސްލާހުތަކާމެދު ޑރ.ޝަހީމް ކަންބޮޑުވުން ފާޅުކުރައްވައިފި
![](https://bonthinews.com/wp-content/uploads/2021/07/shaheem.jpg)
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެން ހުށަހަޅާފައިވާ ނަފުރަތުގެ ކުށް ކަނޑައެޅުމުގެ ބިލަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން މުހިއްމު އިލްމީ ނުކުތާތަކެއް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފާހަގަކުރައްވައިފިއެވެ.
މި ބިލުގެ 1 ވަނަ ނުކުތާ މިހާރު އިސްލާހުކުރަން ހުށަހަޅާފައިވަނީ، ވަކި މައްސަލައަކާމެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔަ ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔައެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެ މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށެވެ.
މިކަމާއި ގުޅިގެން އިސްލާމްދީނުގައި އުފެދިފައި ހުންނަ ހުރިހާ ހިލާފުތަކަކީ އޭގެ ޒާތުގައި މުއުތަބަރު ހިލާފުތަކެއް ނޫންކަން ޝަހީމް ފާހަގަކުރެއްވިއެވެ. އަދި ޤގަބޫލުކުރެވޭ ދަލީލުތަކުގެ މައްޗަށް ބިނާވެފައިވާ ސަންނިއްޔާތުގައި އުފެދެފައިވާ ހިލާފަކީ މުއުތަބަރު ހިލާފެއް ކަމަށްވެސް ޝަހީމު ވިދާޅުވިއެވެ.
ބިލަށް ދެން ގެންނަ އިސްލާހުގައި ބުނެފައިިވަނީ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްތުގައި ފާޅުނުކުރާހާ ހިނދަކު، ނުވަތަ ގަސްތުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު އާންމު ތަނެއްގައި އެމީހަކީ ކާފިރެއް ނުވަތަ މުރުތައްދުވެފައިވާ މީހެއްކަމަށް ސިފަކުރުން ނުވަތަ ތުހުމަތުކުރުން އަދި ސިފަކުރުމާއި ތުހުމަތުކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމުގައެވެ.
މި އިސްލާހާއި ގުޅިގެން ޝަހީމް ވިދާޅުވީ ދީނުގައި މީހަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް މުސްލިމެއްގެ ކިބައިން ފާޅުވުމުން ޝަރުޠުތަކާއި މަވާނިއުތަކަށް ނުބަލައި ތަހުގީގުކުރުމެއް ނެތި ކާފިރުނުކުރެވޭނެ ކަމަށެވެ.
މި އިސްލާހާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި މި އިސްލާހު މަޖިލީހުން ބޭރުކޮށްދިނުމަށް 101 އަލްމުވެރިޔަކު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ދަންނަވާފައެވެ.