އަނިޔާވެރި ޢަމަލަކަށް ޝެއިޚް ނިޝާން ތާއީދު ކުރައްވާނެކަމަށް ޤަބޫލެއް ނުކުރެވޭ: ޑރ.ޝަހީމް
ޔޯގާ ދުވަހުގެ ހަމަނުޖެހުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝެއިޚް ނިޝާން އަކީ އަނިޔާވެރި ޢަމަލަކަށް ތާއީދު ކުރައްވާނެކަމަށް ބޭފުޅެއްކަމަށް ޤަބޫލު ނުކުރެއވޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ޝެއިޚް ފަޒްލޫން ޝަރުތުތަކަކާއިއެކު ދޫކޮށްލާފައި ވީނަމަވެސް ޝެއިޚް ނިޝާންގެ ބަންދުގެ މުއްދަތު ތަކުރާރުކޮށް އިތުރުކުރަމުންގޮސް އެންމެ ފަހުން ޝެއިޚް ނިޝާންގެ ބަންދަށް ސޯޅަ ދުވަހުގެ މުއްދަތެއް ވަނީ އިތުރުކޮށްފައެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޑރ. ޝަހީމް ވިދާޅުވީ ޝައިޚު އާދަމް ނިޝާނަކީ، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް އުޅުނު ފަރާތްތައް އިޞްލާޙުކޮށް ޢިލްމީ ގޮތުން އެފަރާތްތަކަށް ޙައްޤުގޮތް ބުނެދެއްވުމަށް މަސައްކަތް ކުރައްވައި ނަތީޖާ ވެސް ނެރުއްވި ބޭފުޅެއް ކަމަށެވެ.
ޝައިޚު އާދަމް ނިޝާނަކީ، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް އުޅުނު ފަރާތްތައް އިޞްލާޙުކޮށް ޢިލްމީ ގޮތުން އެފަރާތްތަކަށް ޙައްޤުގޮތް ބުނެދެއްވުމަށް މަސައްކަތް ކުރައްވައި ނަތީޖާ ވެސް ނެރުއްވި ބޭފުޅެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 22, 2022
އެހެންކަމުން އަނިޔާވރި ޢަމަލަކަށް އޭނާ ތާއިދުކުރައްވާނެކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ޝެއިޚު ނިޝާން މިނިވަންކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
”އަނިޔާވެރި ޢަމަލަކަށް އޭނާ ތާއިދުކުރައްވާނެކަމަށް ޤަބޫލެއް ނުކުރެވޭ“ ޑރ. ޝަހީމް ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ޤާއިނޫނާ ޚިލާފުކަމެއް ކުރިކަން ސާބިތު ނުވާހާ ހިނދަކު، ދީނީ ގޮތުން ކަމެއްގައި މީހަކު ދެކޭ ރަޢުޔެއް ހާމަކުރުމަކީ ހައްޔަރުކޮށްގެން ގެންގުޅެން ޖެހޭ ސަބަބެއްނޫން ކަމަށެވެ.
”ޝައިޚު ނިޝާން މިނިވަންކުރަންޖެހޭ. ޤާނޫނާ ޚިލާފުކަމެއް ކުރިކަން ސާބިތު ނުވާހާ ހިނދަކު، ދީނީ ގޮތުން ކަމެއްގައި މީހަކު ދެކޭ ރައުޔެއް ހާމަކުރުމަކީ ހައްޔަރުކޮށްގެން ގެންގުޅެން ޖެހޭ ސަބަބެއްނޫން“ ޑރ. ޝަހީމް ވިދާޅުވިއެވެ.
ޝެއިޚުން ހައްޔަރުކޮށް ބަރިބަރިއަށް މުއްދަތުޖަހަމުން ދާދިއުމާއި ގުޅިގެން އަދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަށް އެތައް ޢިލްމުވެރިންނާއި އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެހެން ނަމަވެސް އެކަމާ ފަރުވާލެއް ނުބަހައްޓަވާ ކުއްލިއަކަށް އިމްރާން ވަނީ އެކްޓިވިސްޓެއްފަދައިން އޭނާ ނިސްބަތްވާ ޢަދާލަތުޕާޓީ އާއި އޭނާގެ ކުޅަދާނަކަމާއި ދީން ހިމާޔަތްކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެވޭ ވާހަކަތަކެއް ޓްވިޓާގައި ދައްކަވަމުންނެވެ.
މިކަމާއި ގުޅިގެންވެސް އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.