ޚަބަރު

ޑރ.އިޔާޒް ވަޒީފާއިން ވަކިކޮށްފި

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ޑރ.އިޔާޒް މަގާމުން ވަކިކޮށްފައިވަނީ މީސް މީޑިއާގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ކުރަން ފުރުސަތު ދީފައި ވަނިކޮށެވެ. އެ ޔުނިވާސިޓީން މީގެ ކުރިން އޭނާއަށް އިންޒާރުވެސް ދީފައި ވެއެވެ. އަދި ކުރި ޓްވީޓްތަކާއި ގުޅިގެން ސަސްޕެންޑްވެސް ކުރިއެވެ. އަދި މީގެކުރިން ނަސޭހަތްވެސް ދީފައި ވެއެވެ.

މި އަހަރުގެ މާޗް މަހު އިޔާޒް ސަސްޕެންޑުކޮށް، ފަހުގެ އިންޒާރު ދިނުމުގެ ކުރިން ތިން ފަހަރެއްގެ މަތިން އިޔާޒާ ވާހަކަ ދައްކާފައިވާނެ ކަމަށް އެމްއެންޔޫގެ ވައިސް ޗާންސިލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވިއެވެ. އަދި އިޔާޒް މަގާމުން ވަކިކުރީ، ފަހުގެ އިންޒާރަށް ފަހު ވެސް ސޯޝަލް މީޑިއާގައި، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ އިތުރުން، ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އިޔާޒްގެ މައްސަލަ ބެލުމަށް އެމްއެންޔޫގެ ކޮމިޓީ އަށް ހުށަހެޅި އިރު ވެސް އޭނާއާ ގުޅޭ އާންމުންގެ ފަރާތުން 190 އެއްހާ ޝަކުވާގެ ސިޓީ އެމްއެންޔޫ އަށް ލިބިފައިވާ ކަމަށެވެ.

އިޔާޒު މަގާމުން ވަކިކޮށްފައި މި ވަނީ އަންހެންކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅު ކުރެއްވި ހިޔާލުތަކެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލަމުން ދަނިކޮށެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button