ޚަބަރު

އެފްކޯންސްއިން ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާ ދައްކަން ދެކޮޅުހަދައި އިސްތިއުނާފް ކުރަން ހުށަހަޅައިފި

އެފްކޯންސްއިން ތިލަމާލެ ބުރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމު ވިލިމާލެ ފަރަށް އުރިގެން ލިބުނު ގެއްލުމާ ގުޅިގެން އެ ކުންފުނިން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް ދެކޮޅުހަދައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނިންމުން އިސްތިއުނާފުކޮށްފިއެވެ.

ވިލިމާލެ ފަރަށް އެފްކޯންސްއިން ބޭނުންކުރަމުން އައި ޕްލެޓްފޯމް އެރުމުން އެ ފަރަށް ލިބުނު ގެއްލުންތައް ދިރާސާކުރުމަށް ފަހު އީޕީއޭއިން ނިންމާފައިވަނީ އެ ކުންފުނި 69,411,800.00 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އަދި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭގޮތަށް 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރުމަށް އީޕީއޭއިން އެފްކޯންސަށް އަންގާފައިވަނީ ފާއިތުވި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ.

އީޕީއޭއިން މި ކަމާއި ގުޅިގެން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެފްކޯންސްއެކު ވިލިމާލެ ފަރަށް ލިބުނު ގެއްލުން ބެލުމަށް ދިރާސާއެއް ހެދިކަމަށެވެ. އަދި އެ ދިރާސާއިން ވިލިމާލެ ފަރުގެ 2755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށެވެ. އެހެންކަމުން ޕްލެޓްފޯމުގެ ބައިތަކުންނާއި ޕްލެޓްފޯމު ފަރުން ނެގުމަށް ކުރި މަސައްކަތުގެ ސަބަބުން އެ ފަރުގެ އެކި ސަރަހައްދުތަކަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށެވެ.

ނަމަވެސް, އީޕީއޭއިން ގެއްލުން ލިބުނުކަމަށް ކަނޑައެޅި ސަރަހައްދު މާ ބޮޑުކަމަށް އެފްކޯންސްއިންވަނީ ބުނެ އެ ނިންމުން ޤަބޫލުކުރަން އިންކާރުކޮށްފައެވެ.

މިހެންކަމުން, އީޕީއޭއީ ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅަނީ އެންވަޔަރަމަންޓު މިނިސްޓަރަށެވެ. އެ މައްސަލަ އެ ކުންފުނިން ހުށަހެޅީ މި ހަފުތާގެ އާދިއްތަ ދުވަހުގައި ކަމަށްވާތީ އަދި މިހާތަނަށް މިނިސްޓްރީން ވަކި ގޮތެއް ނިންމާފައިނުވެއެވެ.

ވިލިމާލެ ފަރަށް އެފްކޯންސް ކުންފުނިން ބޭނުންކުރި ޕްލެޓްފޯމް އަރާފައިވާއިރު އެ ކުންފުނީގެ ބާޖެއްގައި ބުރިޖު މަސައްކަތަށް ބޭނުންކުރަމުން އައި ކެރޭނެއް ދާދިފަހުން ބިންދައިގެން ގޮސް ކަނޑަށްވެސް ވެއްޓިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button