އެޗްޑީސީން ހުޅުމާލެ ތަރައްގީކުރުމަށް ވާވޭއާ އެކު އެއްބަސްވުމެއް!

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)އިން ހުޅުމާލެ ތަރައްޤީކުރުމަށްޓަކައި ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން އެޗްޑީސީގެ ”ސްމާޓް ސިޓީ“ މަޝްރޫއު ޑިޒައިކޮށް ތަންފީޒު ކުރުމަށް ވާވޭއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ދުނިޔޭގެ ފެންވަރުގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އިންފްރާންސްޓްރަކްޗާއި ސްމާޓް ޑިވައިސްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ވާވޭ ކުންފުނީގެ މި ކޮލަބްރޭޓިވް ޕާޓްނާޝިޕްގެ ސަބަބުން އެޗްޑީސީގެ ސްމާޓް ސިޓީ މަޝްރޫއަށް ތަފާތު ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ހުޅުމާލެއަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ބަދަލުކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ޑިޖިޓަލް ސޮލިއުޝަންތައް ހޯދުމުގެ މަގު ފަހިވެގެންދާނެކަމަށް ވެސް ބުނެފައިވެއެވެ.
ވާވޭއިން މަސައްކަތްކުރާނީ “ އިން މޯލްޑިވްސް, ފޯ މޯލްޑިވްސް“ ގެ ތަސައްވަރު ދަމަހައްޓައިގެން ރާއްޖޭގެ އިގްތިސާދް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް ވާވޭގެ ސީއީއޯ ޓުއާ ގުއާއްޔޯ ވިދާޅުވެފައިވެއެވެ. އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްމާޓް ސިޓީ, ސްމާޓް ޓުއަރިޒަމް އަދި ސްމާޓް އެޑިކްޝަންއާ ބެހޭ ގޮތުން ދުނިޔޭގެ ތަޖުރިބާ ހިއްސާކުރުމަށް އެކުންފުނިން މަސައްކަތް ކުރާނެކަމަށްވެސް ބުނެފައިވެއެވެ.