ފުލުހުން ނޮޅިވަރަންފަރުގެ ސަހަރާ ކޮނެފި

ހދ.ނޮޅިވަރަންފަރުގެ ސަހަރާ ފުލުހުންގެ ހުއްދައާއި އެކުގައި ކޮނުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު ނަދީމް މި މައްސަލައާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވާފައިވަނީ ފުލުހުންނާއި އާންމުންގެ ބަޔަކު ގުޅިގެން ރޭގެ 11:30 ހާއިރު ސަހަރާ ކޮންނަން ތިބި ކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބުނު ކަމަށެވެ.
އެ ސަހަރާގެ ދެ ގަބުރެއްގެ މަތި ކޮނެފައިވާކަމަށާއި ކައުންސިލަރުން އެތަނަށް ދިޔައިރު އެތަނުގައި ނޮޅިވަރަންފަރުގެ ޕޮލިސް ސްޓޭޝަނުގެ ވެރިޔާގެ އިތުރުން ދެ ފުލުހަހެއްވެސް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލަރުން އެ ތަނަށް ދިޔުމުން އެއީ ފޮރެންސިކް ބޭނުމަކަށް ކޮންނަނީ ކަމަށް ފުލުހުން ބުނި ކަމަށް ނަދީމް ވިދާޅުވިއެވެ. ނަމަވެސް ފުލުހުންގެ ފޮރެންސިކްގެ ބޭނުމަކަށް އާންމުގެ ބަޔަކު ލައްވައި ތަނެއް ކޮނުވަފާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ނަދީމް ވިދާޅުވިއެވެ.
ނަދީމް ތުހުމަތުކުރައްވާގޮތުގައި އެއީ ރުގްޔާ ކުރަންވެގެން ކުރި ކަމެކެވެ. އެގޮތުން, ސަހަރާ ޮނުގެ ހުއްދައަށް އާންމުގެ ބަޔަކު ކުރިން ކައުންސިލުގައި އެދުމުން, އިސްލާމިކް މިނިސްޓްރީގެ ހުއްދަނެތި އެ ކަހަލަ ކަމެއް ނުކުރެވޭނެކަން އަންގައި, އެ ކަން ކުރުން މަނާކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން މީޑިއާއަށް މި މައްސަލައާ ގުޅިގެން ބުނެފައިވަނީ ނޮޅިވަރަންފަރުގެ ކައުންސިލްގެ އެހީތެރިކަމާއި އެކުގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ރަށުގެ ސަހަރާ ރޭގެ ވަގުތެއްގައި ބަލައި ފާސްކޮށްފައިވާނެކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން އިތުރަށް ބުނީ އެ އިދާރާއިން އިތުރު ތަހުގީގުތަކެއް ކުރަމުން ދާކަމަށެވެ.