
އެމްޑީޕީގެ މިހާރުގެ ސަރުކާރަށް އިންޑިޔާ ބޭންކުން ލޯނު ދޭން ތައްޔާރަށް އޮތް ނަމަވެސް އެ ގައުމުން އެއް އިންޗި ދިނިއްޔާ ފަސް އިންޗި ދަމާލާކަމަށް ރޭ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
”އެހެނެއް ނޫން. އެސްބީއައި އިން އެ އޮތީ މި ސަރުކާރު ދަމަހައްޓާ ނަގަހައްޓަން ކޮންމެކަމެއްވެސް ކޮށްދޭ ގޮތަށް، އެއީ އެމީހުން މިވަރު އެއްޗެއް ދީފިއްޔާ އެމީހުން ދަމާލާވަރުއަޅުގަނޑުމެންނަށް އެބަ ފެނޭ، އެއް އިންޗި ދީފިއްޔާ ފަސް އިންޗި އެބަ ދަމާލާ“ ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރން، އިންޑިއާގެ ބޭންކުން ރާއްޖެއަށް ލޯނު ދިން ނަމަވެސް، ދޭ އެއްޗަށް ވުރެ އަނބުރާ ގެންދާ ބައި ބޮޑުކަމަށް މެމްބަރު ޝިޔާމް ވިދާޅުވެފައިވެއެވެ. ސަރުކާރުން ހަރަދުތައް ކުޑަނުކޮށް ކަންތައްތައް ކުރަމުން އަންނާތީ އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ ތަންތަނާއި ގުޅުން ހުރި ބޭންކުތަކުން ސަރުކާރަށް ލޯނު ނުދޭނެކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
”އެހާ ސަރުކާރު ޑެސްޕަރޭޓް ވެފައި މިއޮތީ، ސަރުކާރަކު ފައިސާއެއް ނެތް“ ޝިޔާމްވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރުގެ އެހީކަމަށް ބުނާ ވާހަކައަށް އަލިއަޅުވާލާ މެމްބަރު ޝިޔާމް ވިދާޅުވެފައިވަނީ އެގައުމުން ދިނީ ދިގު މުއްދަތަށް ލޯނެއް ނޫންކަމަށާއި، އެއީ ތިން މަސް ދުވަހުން ދައްކަން ޖެހޭ ލޯނެއް ކަމަށެވެ. އަދި އެ ލޯނުގެ އިންޓަރެސް ރޭޓު ހުރީ 8 އިންސައްތައިގައި ކަމަށްވެސް މެމްބަރު ޝިޔާމް ވިދާޅުވެފައިވެއެވެ.