ޚަބަރުސިޔާސީ

ރައީސް ނަޝީދު މަވޯޓާ ޝަރީފާއި ދެކޮޅަށް ކުރި އަބުރުގެ ދައުވާ ސިވިލް ކޯޓުން ބަލައިގަނެފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާއި ދެކޮޅަށް ކުރި އަބުރުގެ ދައުވާގެ މައްސަލަ ސިވިލް ކޯޓުން ބަލައިގަނެފިއެވެ.

މި މައްސަލައަކީ، ރައީސް ނަޝީދުގެ ގަތުލުއާންމެއް ހިންގަން އުޅުނު ކަމަށް މަވޯޓާ ޝަރީފް ތުހުމަތުކުރުމުން އަބުރުގެ ދައުވާކޮށް އޭނާގެ އަތުން 10 މިލިއަން ރުފިޔާ ހޯދުމަށް ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ. ރައީސް ނަޝީދުގެ ވަކީލުން މި މައްސަލައާއި ގުޅިގެން ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ މަނިކުފާނު ގަތުލު އާންމެއް ހިންގަން އުޅުނުކަމަށް ބުނެ މެންބަރު ޝަރީފް، މި މަހުގެ 25 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ޓްވީޓެއްގައި، ރައީސް ނަޝީދުގެ އަބުރާ ބެހި، އަބުރަށް ގެއްލުން ލިބިނިވި ގޮތަށް ވާހަކަ ދައްކާފައިވާކަމަށެވެ.

ރައީސް ނަޝީދު މި މައްސަލާގައި އެދިވަޑައިގެންފައިވަނީ އެމަނިކުފާނަށް ލިބިވަޑައިގަނެފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

މި މައްސަލާގައި މެމްބަރު ޝަރީފް ތުހުމަތުކުރައްވާފައިވަނީ ފަންސާސް މީހަކު މަރައިލާ އެކަން ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އިސްތަށިފުޅުގައި އަޅުއްވަން ރައީސް ނަޝީދު ރާވާފައިވާކަމަށެވެ. ނަމަވެސް މި އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓަރީ ގުރޫފުން ޤަރާރެއް ފާސްކުރިކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މެމްބަރު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި އެއިރު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫފުގެ ލީޑަރަކީ ރައީސް އޮފީހުގެ ވަޒީރުކަމުގައި މިހާރު ހުންނެވި މުހައްމަދު ޝިހާބެވެ. އެހެންނަމަވެސް، ޕާލިމަންޓަރީ ގުރޫފުން ފޮނުވި ސިޓީތަކުގައި ސޮއިކުރެވީ ސީދާ މެމްބަރު ޝަރީފް ކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.

މި މައްސަލާގެ ފުރަތަމަ އަޑުއެހުން އޮންނަ ދުވަހެއް އަދި އަންގާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button