ޚަބަރު

ޒަރޫރީ ބޭސްތައް ޕްރީ އޯޑަރ ކޮށްގެން ބޭރުން ގެންނަން ޖެހޭތީ ރައްޔިތުންގެ ހިތްހަމަ ނުޖެހުން އެސްޓީއޯއަށް

ޒަރޫރީ ބޭސްތައް ޕްރީ އޯޑަރ ކޮށްގެން ބޭރުން ގެންނަން ޖެހޭތީ ރައްޔިތުންގެ ހިތްހަމަނުޖެހުން، އެސްޓީއޯ އަށާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް އަމާޒުވާން ފަށައިފިއެވެ.

އާންމު ފަރުދަކު ޓްވީޓްކޮށްފައިވާ ގޮތުގައި އޭނާ ބޭހެއް ހޯދުމަށް އެސްޓީއޯއަށް ދިއުމުން ”ތިޔަ ބޭސް ގެނެސްދެނީ ޕޭޝަންޓުން ބޭނުންކުރާ ވަރަށް އެކަނި، ސްޓޮކް ނުބަހައްޓަން“ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އަދި އެއީ ބޭހެއް ނެތްކަން އެންގުމަށް އެސްޓޯއޯއިން ދޭ ސްޓޭންޑަޑް ޖަވާބުކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ. އާންމުކޮށް މީހުން ބޭނުންކުރާ ބޭސްތައް، ރާއްޖެއިން ބޭރުން އަންނަ މީހުން މެދުވެރިކޮށް ގެނައުން އެއީ ފަސޭހަ ކަމެއް ނޫންކަމަށާއި، އެފަދަ ގިނަ ބޭސްތައް ލިބެން ނެތްކަމަށްވެސް އެމީހާ ތުހުމަތުކުރެއެވެ. އަދި އާންމު ބަލިތަކަށް، އާންމުން ބޭނުންކުރާ ގިނަ ބޭސްތަކަކީ އާންމުގޮތެއްގައި ޑޮކްޓަރުންވެސް ދޭ ބޭސްތަކަށްވާއިރު، އެފަދަ ބޭސްތަކުގެ ސްޓޮކް ނުބެހެއްޓެންވީ ކީއްވެގެންތޯވެސް ސުވާލުކޮށްފައިވެއެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން ޑްރަގް ލިސްޓުގެ ބޭރުން އެއްވެސް ބޭހެއް އެތެރެ ނުކުރާކަމަށް އެސްޓީއޯގައި އިންނަ ފާމަސިސްޓެއް ބުނެފައިވާކަމަށަވެއެވެ. އެހެންކަމުން އެ ލިސްޓަކީ ކޮބައިތޯއާއި ޒަރޫރީ ބޭހާއި ޕްރިސްކްރިޕަޝަންތަކާ އެއްގޮތް ނުވަނީ ކީއްވެތޯ، މިއީވެސް އާންމުން ކުރާ ސުވާލެކެވެ.

މިމައްސަލައަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ދިމާވާ މައްސަލައެއް ކަމަށް ފާހަގަކުރެވެއެވެ. ކައިރި ގައުމުތަކަށް އާސަންދަ މެދުވެރިކޮށް މީހުން ފަރުވާ ހޯދަން ދިޔަ ނަމަވެސް، ފަހުން މާލެ އައިސް ބޭސް ހުސްވެގެން ބަލާލާއިރު، އެންމެ ޒަރޫރީ އަދި އާދައިގެ ބޭސްވެސް އެސްޓީއޯ ނުވަތަ އެހެން ބޭސްފިހާރަތަކުން ނުލިބޭ ކަމުގެ ޝަކުވާއަކީވެސް ވަރަށްގިނަ މީހުން ކުރާ ޝަކުވާއެކެވެ. މިފަދަ ހާލަތެއްގައި ދުރާލާ ބޭސް ހޯދަން ޖެހޭ ޖެހުން އޮންނަނީ ތަކުލީފެއްގެ ގޮތުގައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މައިގަނޑު އެއް އަޒުމު ކަމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އާބާދީގެ ބޭނުންތަކާ ގުޅިގެން، އިސްކަންދޭންޖެހޭ ޒަރޫރީ ބޭސްތައް ދެމެހެއްޓެނިވި ގޮތެއްގައި، އާބާދީއަށް ފޯރުކޮށްދިނުން ހިމެނޭއިރު، މި އަމާޒަށް ވާސިލުވާން އެ އޮތޯރިޓީއަށް ކުރެވުނީ ކޮން މަސައްކަތެއްތޯވެސް އެއީ ސުވާލުއުފެދޭ ކަމެކެވެ. ޑަބްލިޔުއެޗްއޯ އިން އާންމުކޮށްފައިހުރި ”ޒަރޫރީ ބޭސް“ ލިސްޓުގައި ހިމެނޭ އެތައް ބޭހެއް ރާއްޖެއިން މިފަހަކަށް އައިސް ލިބެން ނުހުންނަކަމުގެ ޝަކުވާ ރައްޔިތުން ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ.

ޒަރޫރީ ބޭސްތައް ނުލިބޭކަމުގެ ޝަކުވާއަކީ ހަމައެކަނި މާލޭގައި ދިރުއުޅޭ މީހުން ކުރާ ޝަކުވާއެއް ނޫނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރަތަކުން، އާދައިގެ ރޯގާއަކަށް ބޭނުންކުރާނެ ސިޓްރިޒަން އާއި ސްޓެރެޕްސިލް ނުވަތަ ވިޓަމިންއާއި އޯއާރއެސް ފަދަ ބޭސްތައް ހުސްވެފައި ހުންނާތީ އެކަމުގެ ޝަކުވާ، ނިކަމެތި ރައްޔިތުން އަބަދުވެސް ކުރެއެވެ. އާދައިގެ ރޯގާއެއް ނުވަތަ ހުމެއް ޖެހުމުން، ކައިރި ރަށްރަށުން ބޭސް ގެނެސްގެން ބަލިމީހާއަށް ބޭސްދެވޭއިރު، އެ ލަސްވާ ލަސްވުމާ ގުޅިގެން ބަލިމީހާގެ ހާލަތު ގޯސް ވިޔަސް އޭގެ ޒިންމާ ނަގާނެ ބަޔަކު ނެތްކަމަށް ގިނަ ބަޔަކު ބުނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button