ޚަބަރުސިޔާސީ

ދަތިތަކުން އަރައިގަނެވި، މިހާރު އިގްތިސާދީ ކުރިމަގު ފެންނަނީ އުންމީދީ ގޮތެއްގައި: ރައީސް ސޯލިހު

އިޤްތިޞާދީގޮތުން މިހާތަނަށް ކުރިމަތިވި ދަތިތަކުން އަރައިގަނެވި، މިހާރު އިޤްތިޞާދީ ކުރިމަގު ފެންނަނީ އުންމީދީ ގޮތެއްގައި ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ކޯވިޑް 19 އާއި އަދި އޭގެ ފަހުން ކުރިމަތިވި ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން، އިޤްތިޞޯދީ ގޮތުން ރާއްޖެ ވެއްޓުނު ފުންވަޅުގަނޑުން، ސަރުކާރާ ރައްޔިތުންގެ މަސައްކަތުން އަރައިގަނެވިފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިއީ މުޅި ދުނިޔެއަށްވެސް ދަތިދުވަސް ވަރެއްކަމުގައިވާތީ ރާއްޖެއަށް ވެސް އޭގެ އަސަރުތައް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިކަންކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރަށްވުރެ ބޮޑީ ސިޔާސީ ބޭނުމަށްޓަކައި، ރާއްޖެ ބަނގުރޫޓްވެ، އިޤްތިޞޯދު އިނދަޖެހި ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު ރައްޔިތުންނަށް ދެއްކުމަށް ފަތުރަމުންދާ އަޑުތަކުގެ ސަބަބުން ކުރާ އަސަރުތައްކަމުގައެވެ.

ރައީސް ވަނީ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިސްކަން ދީފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިކަންކަން ކުރާނީ ރައްޔިތުންނަށާއި އިޤްޠިޞޯދަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެގޮތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފާއިތުވި 4 އަހަރުގެ ތެރޭގައި އިޤްތިޞާދީ ހަރަކާތްތައް ކުރިޔަށްގެންދިއުމާއި އެދާއިރާއިން ޙާޞިލުކުރެވިފައިވާ ބައެއް ކުރިއެރުންތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްޤީވުމަށް ފަހި މާހައުލެއް ޤާއިމްކޮށްދެވިފައިވާކަމާއި ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ހިންގުމުގައި ހުރި އިދާރީ ހުރަސްތައް، ކުޑަކުރެވި މި ނިޒާމް ޑިޖިޓައިޒް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފާއިތުވި 4 އަހަރުގެ ބައެއް ކުރިއެރުންތައް ފާހަގަކުރައްވަމުން ރައީސް ވަނީ ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ޤާނޫނަކުން ކަނޑައަޅާފައިވުމާއި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ހެޔޮ ބަދަލު ފާހަގަކުރައްވާފައެވެ. އަދި ހަމަ މި ހެޔޮ ބަދަލު އަންނަ އަހަރު ޞިއްޙީ ދާއިރާއަށް ގެނެވޭނެކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިޖްތިމާޢީ ހަމަހަމަ ކަމަށްޓަކާ ، މި 4 އަހަރު ސަރުކާރުން ހިންގަމުންދާ ފެނާ ނަރުދަމާއާއި ރަށް ރަށުގެ ލަފާ ފުރުމުގެ ދަތިކަމަށް، ޙައްލު ހޯދައިދިނުމުގެ މަޝްރޫޢުތައްފަދަ އަސާސީ ޚިދުމަތުގެ ބޮޑު މަޝްރޫޢުތަކަށް ވެސް އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ފަހުގެ މަޢޫލޫމާތުތައް ވެސް ޙިއްޞާކުރައްވާފައެވެ. އެގޮތުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ޖޫންމަހު ހުޅުވާލި ފުރުޞަތުގާ ޖުމްލަ 35861 އެޕްލިކޭޝަން ލިބިފައިވާކަމަށާއި އެ އެޕްލިކޭޝަންތައް ޕްރޮސެސްކޮށް ޝަރުތުހަމަވާ ފަރާތްތައް ދެނެގަންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ފާއިތުވި 4 އަހަރު ސަރުކާރުން ކުރި ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޒުވާނުންނަށް ހިންގޭ ހުނަރު ޕްރޮގްރާމާ، ހިލޭ ޑިގްރީ ޕްރޮގްރާމުގެ ކާމިޔާބީ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ފާއިތުވި 4 އަހަރު މުޅިން އަލަށް 15547 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށް ދީފައިވެއެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button