ޚަބަރުސިޔާސީ

އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ހަމަހަމަކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުމުގައި 4 އަހަރު ހޭދަކުރެވިއްޖެ: ރައީސް ސޯލިހު

އެއްވެސް ރައްޔިތަކު ތަފާތުކުރެއްވުމެއް ނެތި ވަޢުދުވެވަޑައިގެންނެވި ގޮތަށް ކަސިޔާރު ކަމެއް ނެތި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި 4 އަހަރު ހޭދަކުރައްވައިފި ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ މީގެ 4 އަހަރު ކުރީގައި އެމަނިކުފާނު ޤައުމުގެ ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ޤައުމު އޮތް ޙާލަތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެދުވަހު ޤައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ބިރުވެރިކަން ކަމަށާއި، އެ ދުވަހު ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ސިޔާސީ ލީޑަރުން ތިއްބެވީ ބިރުވެރިކަމުގެ ތެރޭގައި ކަމަށާއި، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ ދުނިޔެއާއި އެކަހެރިވެފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ބަދަލަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫޢަކުރުން ކަމަށާއި، ދެފުށްފެންނަ، ޖަވާބުދާރީ ކުރުވެނިވި، ޤާނޫނު އަސާސީގެ ތަރަޙައިގެ މައްޗަށް، ދައުލަތް ބިނާވުން އޭގެތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީ ނުވެ، މިނިވަންކަމާއެކު ހެލިފެލިވެ ދިރިއުޅުން އާރާސްތު ކުރެވޭނެ މާޙައުލެއް ޤާއިމްވުމަށްވެސް އެދުވަހު ރައްޔިތުން ބޭނުންވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ރައީސް ވިދާޅުވިގޮތުގައި 4 އަހަރު ކުރިން އެމަނިކުފާނު ޙަވާލުވެވަޑައިގެންނެވި މަސްއޫލިއްޔަތު ބިނާވަނީ، ވަކި ޚާއްޞަ ބަދަލުތަކެއްގެ މައްޗަށެވެ. އަދި، އޭގެ ފެށުމަކީ އިދާރީ ގޮތުން ރާއްޖެ ހިނގަމުން މިދާ ލާމަރުކަޒީ ބޮޑު ބަދަލު ގެނައުންކަމުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން ވެސް އާމްދަނީއާ ވަޒީފާތައް ރައްޔިތުންނާ ގާތްވާނެ ހަމަހަމަ، ހަމަތަކެއް، މި 4 އަހަރުގެތެރޭ ސަރުކާރަށް ހޯދިއްޖެކަމަށާއި، ޖީބަށްލުއި، ބާރުދުވެލީގައި ރަށްތައް ގުޅާލެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ތަޢާރަފް ކުރެވިއްޖެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ އިއްޔެރޭ މާލޭގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި އެއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލި ދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާކަމަށާއި، އެ ހާދިސާއާ ގުޅޭ ހުރިހާ ކަމެއް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން ގެންދާކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މާލޭގައި މިފަދަ ހާދިސާތައް ކުރިމަތިވަމުން އަންނަނީ އެތައް އަހަރަކުން އުފެދިފައިވާ، ތޮއްޖެހުމާއި މާލޭގެ ދިރިއުޅުމުގެ ދަތިކަމުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިގޮތުގައި ވަޑާންގެއަކަސް، ގުދަނަކަސް، ގަރާޖެއް ކަމުގައިވިޔަސް މީހުންނާ އެކީ އެއްތާކު ތޮއްޖެހުމަކީ ރައްކާތެރި ދިރިއުޅުމަކަށް ނުވާނެއެވެ. އަދި މިގޮތުން ކެމިކަލް ގުދަންތައް މާލެއިން ބޭރަށް ބަދަލުކުރެވިއްޖެކަމަށާއި، ވޯކްޝޮޕްތަކާއި، ގަރާޖްތަކާއި، ވަޑާންގެތައް ވެސް މީހުން ދިރިއުޅޭ ސަރަޙައްދުތަކުން އެކަހެރި ކުރަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button