ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސް އަށް ވިއްކާލާފައިވާ ކަމަށް ބުނެ ވަކިބައެއްގެ އަމިއްލަ ބޭނުމަކަށް ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވުމާ ގުޅިގެން ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލު އަހުމަދު އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.
ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭ ރައީސް ސޯލިހު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި އެމަނިކުފާނު ދެއްކެވީ މުޅިންވެސ ތާކުންތާކު ނުޖެހޭ ވާހަކަ ކަމުގައެވެ.
”ދެ ގައުމު އެއްބަސްވެގެން ރާއްޖޭގެ ސަރަހައްދު ދޫކޮށްލީ؟ ސިޔާދަތު ވިއްކިކަމަށް އިޢްތިރާފުވެއްޖެ.“ ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ފާހަގަކުރެއްވިގޮތުގައި ވެރިން ހަވަރަށްދޭ ވަރަށް ދިވެހިންގެ ލޭ ވަނީ ހޫނުވެފައެވެ. އަދި އެއީ އެންމެ ހައްގުކަން ބޮޑު އަދަބު ކަމަށާއި، އަދުގެ ވެރިންނަކީ އެފަދަ އަދަބެއް ލިބެންޖެހޭ ކުށްވެރިން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރޭ ރ. @ibusolih ކަނޑައެޅިގެން ހެއްދެވީ ދޮގު. މުޅިންވެސް ތާކުންތާކު ނުޖެހޭ ވާހަކަ. 2 ޤައުމު އެއްބަސްވެގެން ރާއްޖޭގެ ސަރަހައްދު ދޫކޮށްލީ؟ ސިޔާދަތު ވިއްކިކަމަށް އިޢްތިރާފުވެއްޖެ. ދިވެހިންގެ ލޭ ވެރިން ހަވަރަށްދޭ ވަރަށް ހޫނުވޭ. މިއީ އެންމެ ބޮޑު އަދަބު ޙައްގު ކުށް. pic.twitter.com/nWdaEnaYQG
— Mohamed Jameel Ahmed (@MJameelAhmed) October 27, 2022
ރައީސް ސޯލިހުގެ ވާހަކަފުޅުގައި މި ސަރުކާރުން މިމައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައިކަމާއި ވަކި ސަރުކާރާކާއެކު ނޫންކަން ފާހަގަކުރެއްވިއެވެ. އަދި މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއުކުރުމުގެ ސިޔާސަތުކަން ރައީސް ފާހަގަކުރެއްވިއެވެ. މި މައްސަލައިގައިވެސް އަދި ހާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު، ޗާގޯސްގެ ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާނެ ކަން ގަބޫލުފުޅު ކުރައްވައި އެގައުމުގެ ރައީސަށް ސިޓީފުޅެއް ފޮނުއްވެވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި ސިޔާދަތީ ބާރު ކަނޑައެޅުމުގައި މޮރިޝަސް ސަރުކާރާއެކު އެއްބަސް ވެވުނަސް ކަނޑުގެ އިން ކަނޑައެޅުމުގައި ސަރުކާރުން ދޭ ނުދޭނެ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހު މޮރިޝަސްގެ ރައީސަށް ފޮނުއްވެވި ސިޓީގެ ތަފްސީލް ހާމަކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އެއާއެކު ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިން މި މައްސަލައިގައި ދައްކަވާ ވާހަކަތައް ގިނަ އާންމުން ގަބޫލެއް ނުކުރެއެވެ. އޭގޭ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނެއެވެ.