
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރައްވާ އަނިޔާތަކުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މިޒާޖު ވަރަށް ބޮޑަށް ދެނެގަންނަން އެނގޭ ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް 2004 ވަނަ އަހަރު އެރި ސުނާމީއާ ގުޅިގެން ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހް ކީރިތިކުރައްވާފައިވާތީ، ސިޔާސީ ބޭނުމަށް އެފަދަ ކާރިސާތައްފަދަ ހިތާމަވެރި ކަންކަން ބޭނުން ނުކުރެއްވުމަށް ޑރ. ޖަމީލް ޓްވީޓް ކުރައްވަމުން ވިދާޅުވެފައިވެއެވެ. އަދި ރައީސް ސޯލިހުގެ އަސްލު މިޒާޖު ފެންނަނީ ރައީސް ޔާމީނާއި ރައީސް ނަޝީދަށް ކުރައްވާ އަނިޔާތަކުންކަމަށްވެސް ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.
ސިޔާސީ ބޭނުމަށް ހިތާމަތަކާއި ސުނާމީ ކާރިޘާ ފަދަ ކަންކަން ބޭނުންކުރުން ހުއްޓާލަންޖެހޭ. ރ. @ibusolihގެ މިޒާޖް ރ. @prz_ymn އަށާއި ރ. @MohamedNasheed އަށް ކުރާ އަނިޔާތަކުން އެނގޭ. ހިޔަޅެއް ފޭރާން ބަދަލުކުރިޔަސް ހަމަ ވާނީ ހިޔަޅަކަށް. pic.twitter.com/Dk9moFUioZ
— Mohamed Jameel Ahmed (@MJameelAhmed) December 27, 2022
ޑރ. ޖަމީލް އެވިދާޅުވާ އަނިޔާގެ ތެރޭގައި، މިފަހުން ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރު ދުވަހުގެ ހުކުމާއި، ރައީސް ނަޝީދުއަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ސޯލިހު ދަތިކުރުވާ ކަމަށް ބުނެ ރައީސް ނަޝީދުގެ ސަޕޯޓަރުން ކުރާ ތުހުމަތު ހިމެނެއެވެ.