
ރާއްޖޭގެ ރައީސްކަން ކުރައްވާ ކަމަށް އަޑު އިވެނީ އިންޑިއާގެ ޗީފް މިނިސްޓަރެއް ކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު ނ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފަތުރުފުޅުތަކުގެ ތެރެއިން މިއަދު ހެނދުނު މަނަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އަވަށްޓެރި އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީ ސަރުކާރުގެ ނުފޫޒު މިހާރު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
ޗާގޯސްގައި ހިމެނޭ ފޯޅަވަހީގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން މިމަހުގެ 20 ވަނަ ދުވަހު ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެކަން އިއުލާން ކުރެއްވުމާ އަދި އެކަން ރައީސް ސޯލިހު ދިފާއު ކުރެއްވުމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމުގައެވެ.
”ފޯޅަވަހީގަ ރަސްމީކޮށް މޮރިޝަސްގެ ދިދަ އެހެރީ ނަގާފާ. ދެން ރައީސް ސޯލިހު މިއޮއްހާދުވަހު އެއަށް ބަސްފުޅެއް ވިދާޅުނުވެ އަޅުގަނޑުމެން ގިލިގިލި ކޮށްޓިލެއް ބޮޑުކަމުން މި ވިދާޅުވަނީ ތިމަންނަމެން ކުރި ކަންތަކާ ގުޅޭގޮތުން އިދިކޮޅުން ހަދަނީ ދޮގޭ. ދޮގު ހަދާ މީހުނާ އޮޅުވާލާ މީހުން މިހާރު ރައްޔިތުންނަށް ސާފު.“ ރައީސް ޔާމީން ވިދާޅުވިއެވެ.
ފޯޅަވަހީގެ އިމުގެ މައްސަލާގައި ރައީސް ސޯލިހު މޮރިޝަސްގެ ރައީސަށް ފޮނުއްވެވި ސިޓީފުޅުގައި ރާއްޖޭގެ ސަރަހައްދު ފުށުއަރާ އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ އެއްވެސް ހައްގަކަށް އުނިކަން އަންނާނެ ކަމެއް ނުކުރައްވާކަމަށް ވިދާޅުވިޔަސް ބަހުސް ކުރެވެމުންދަނީ ސިޔާދަތީ ސަރަހައްދީ ބާރުވެރިކަމުގެ ބާރުގެ ވާހަކަ ނޫން ކަން ޔާމީން ފާހަގަކުރެއްވިއެވެ. އަދި ބަހުސް ކުރެވުމުންދަނީ ރާއްޖޭގެ އިގްތިސާދީ ބޮޑު ސަރަހައްދެއްގެ ވާހަކަތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”ކޮންއިރަކުތޯ ރާއްޖޭގެ ފުށުއަރާ ސަރަހައްދަށް އަޅުގަނޑުމެންގެ ސިޔާދަތީ ބާރު އޮތީ. އެ ފޮނުވިި ސިޓީއަކުން އިމުގެ މައްސަލާގައި ނިމިގެންދާއިރު އެ ފުށުއަރާ ދިއުމަކަށް ރާއްޖޭގެ ސިޔާދަދީ ބާރަކަށް ގެއްލުންވާ އެއްވެސް ކަމެއް ތިމަންނަ ނުކުރަމޭ. ދެން މިކަމަށް ހެކިވަނީ އިމްރާން. އަޅުގަނޑަށް ހީވަނީ ރައީސް ސޯލިހުގެ ދެވަނަ ކައިވެންޏަށްވެސް ހެކިވާން ހުރީ އިމްރާން ހެން.“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ސޯލިހު އެވަރުގެ ތެދުފުޅެއް ނަހައްދަވާ ކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިޔަސް އިދިކޮޅުން ހަދަނީ ދޮގުކަން ރައްޔިތުންނަށް އެނގޭ މިންވަރަށް ސާފުކޮށް ރައީސް ސޯލިހު ހާމަކުރައްވަން ޖެހޭ ކަން ޔާމީން ފާހަގަކުރެއްވިއެވެ. ހާއްސަކޮށް މޮރިޝަސްގެ ރައީސަށް ރައީސް ސޯލިހު ފޮނުއްވެވި ސިޓީ ރައްޔިތުންނަށް ދެއްކުމަށް ފަހު އެކަން އޮޅުންފިލުވައި ދޭން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު މޮރިޝަސްގެ ރައީސަށް ފޮނުއްވެވި ސިޓީގެ ތަފްސީލް ހާމަކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އެއާއެކު ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިން މި މައްސަލައިގައި ދައްކަވާ ވާހަކަތައް ގިނަ އާންމުން ގަބޫލެއް ނުކުރެއެވެ. އޭގޭ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނެއެވެ.
ޔާމީން މޮޔަ ފުޅު ވީތޯ؟
ތިބުނާ ގޮތުން ވިއްޔަ ޕީޕީއެމްގެ ސަރުކާރެއްގައި ރައީސް ކަން ކުރައްވާ ިިނި ޗައިނާ މީހެ ތާ ދޯ!