ޚަބަރު

ވެރިންގެ ޒިންމާއަކީ ގައުމިއްޔަތު ގެއްލޭގޮތަށް މަގު ކޮށުމެއް ނޫން: ކުރީގެ ސީޕީ ހުސައިން

ވެރިންގެ ޒިންމާއަކީ ގައުމިއްޔަތު ގެއްލޭގޮތަށް މަގު ކޮށުމެއް ނޫން ކަމުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހުސައިން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ވެރިންގެ ޒިންމާއަކީ ގައުމިއްޔަތު ގެއްލޭ ފަދަ ކަންކަމަށް ފުރުސަތު ދިނުމެއް ނޫން ކަމަށާއި އެކަންކަމަށް ބީރު ކަންފަތެއްދީ، ކަނުލޮލަކުން ބެލުމެއްވެސް ނޫންކަމުގައެވެ. އެފަދަ ހާލަތުގައި މަޑުމައިތިރިކަން އިހްތިޔާރުކުރުމަކީ ނިކަމެތި ކަމެއް ކަމަށާއި ސިޔާސީ ކަންކަމަށް އެބަޔަކު ކުފޫ ހަމަ ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”ސިޔާސީ ވުމަކީ އަޅުގަނޑުގެ މަގުސަދެއް ނޫން އަޅުގަނޑުގެ މި ހިޔާލު ހާމަ މިކުރަނީ ސިޔާސީ ވާކަށް ނޫން، އެހެންނަމަވެސް ބައެއް ސިޔާސީ ބޭބޭފުޅުންގެ ސަބަބުން މިރާއްޖެއަށް ލިބިދާނެ ގެއްލުމެއް ވަޒަން ކުރެވޭ ކަމަށް ދެކޭތީ. ސިޔާސީވީކަމަށް މީހަކު ބުނެފާނެކަމުގެ ބިރަށް ނުބުނެ ދޫކޮށްލާވާހަކަ ފަހުން ތިމާއާއި ހަމައަށް އަތުވެދާނެ ކަމަށް ގަބޫލު ކުރެވެތީ.“ ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވިގޮތުގައި ދިވެހިންގެ ދިވެހިވަންތަކަން ނިގުޅައިގަތުން، އިސްލާމް ދީނަށް ފުރައްސާރަކޮށް ނިކަމެތިކުރުން، ދިވެހިރާއްޖޭގެ ލަގަން ފަރަންޖީ ބަޔަކު ޖަހައިގަތުން ފަދަ ކަންކަމަކީ ސިޔާސީ ކަންކަމެއް ނޫނެވެ. އަދިހަމަ އެފަދަ ކަންކަމަށް އަސަރު ކުރާގޮތަށް ކަންކަން ކޮށް، އެކަމާއި ބެހޭގޮތުން ބަހެއް ބުނާ ކޮންމެ މީހެއްގެ ބޮލުގައި ސިޔާސީ ތާޖު އެޅުވޭއިރު، ގައުމުގައި ޒަމާނުއްސުރެ ވާރުތަވެފައިވާ ދިވެހިވަންތަ ސިފަތަކާއި ދިވެހިން އަދަބު އިހުތިރާމު އަދާކުރާ ކަންކަމާއި، ދިވެހިންގެ ތެރޭގައި އާންމުކޮށް ބަލައި ނުގަންނަ ކަންކަން އާންމު ކުރަން ބަޔަކު މީހުން އުޅޭނަމަ އެވެވެނީ ގައުމަށް ހިޔާނާތްތެރި ކަމުގައި އޭނާ ވިދާޅުވިއެވެ.

ހުސައިން ފާހަގަކުރެއްވިގޮތުގައި އެއީ އިހުމާލެކެވެ. އަދި ގައުމެއްގެ ނިސްބަތުން އެއަށްވުރެ ބޮޑު ކުށެއް ނޯންނާނެއެވެ. އެކަމުގައި ދޮށްޓެއް ހަނގެއް އަންހެނެއް ފިރިހެނެއް އިސްތިސްނާ ނުވާ ކަމަށާއި، ރާއްޖެ ގައުމެއްގެ ގޮތުގައި އޮތް އޮތުމަށް އަސަރު ކުރާ ފަދަ ކަންކަމަށް އެއްޗެއް ނުބުނެ ސިޔާސީވުމުގެ ބިރަށް ހެއްލުމަކީ ގެއްލުމެއްކަން ބަލައިގަންނަން ޖެހޭކަން ހުސައިން ފާހަގަކުރެއްވިއެވެ.

”އިސްލާމްދީނާއި ފުށުއަރާކަންކަން ފެންނަމުންދާ ދިއުމާއި، ގައުމުގެ މިނިވަންކަމަށް ހިޔަނިއެޅިދާނެ ފަދަ ކަންކަމާއި، ރާއްޖޭގެ އީއީޒެޑްކުޑަވެދާނެ ފަދަ ގޮތްގޮތަށް ކަންކަން ވުމަކީ ހިތާމަކުރާކަމެއް.“ ހުސައިން ވިދާޅުވިއެވެ.

ރާއްޖޭގެ ދީނަކީ އިސްލާމްދީންކަމަށް ގަބޫލު ކުރައްވާކަން ފާހަގަކުރައްވައި ހުސައިން ވިދާޅުވީ ލިވާތު ކުރުމާއި ފާހިޝް އަމަލުތައް އާންމުވުމަކީ އެކަމަށް ހައްލު ބޭނުންވާ ކަންކަންކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ. އަދި މަސްތުވާއެއްޗެތި އާންމުވެ ހައްދުންނެއްޓި ދިޔުމަކީ ދެރަކަމެއްކަމަށް ގަބޫލުކުރައްވާ ކަަމަށާއި، ބޭރުގެ ފަރާތްތަކުގެ މަސްލަހަތު ދިވެހިންގެ މަސްލަހަތަށްވުރެ އިސްކުރެވިގެން ނުވާނެކަން ގަބޫލު ކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުސައިންގެ ފޭސްބުކް ޕޯސްޓު ސީދާ އަމާޒު ކުރެއްވީ ކީއްވެގެންކަން ސާފު ނުވި ނަމަވެސް ޖުމްލަ ގޮތެއްގައި އޭނާ އަލިއެޅުއްވީ މިފަހަކަށް އައިސް އިސްލާމް ދީނާއި، ރާއްޖޭގެ ގާނޫނުތަކާ ހިލާފް ކަންކަން އާންމު ވުމާއި، އެކަންކަމަށް އެޅޭ ފިޔަވަޅުތައް ދޯދިޔާވުން ނުވަތަ ދޫކޮށްލުމުގެ މައްޗަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އަދި ހާރިޖީ ގޮތުންނާއި ދާހިލީގޮތުން ސަރުކާރުން ނިންމާ ދޯހަޅި ނިންމުންތަކުގެ މައްޗަށް ހުސައިންގެ ފޭސްބުކް ޕޯސްޓު އަމާޒުވެފައިވާ ކަމަށްވެސް ބެލެވެއެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބައި ކުރުމާ ގުޅޭގޮތުން މިހާރު ކުރެވެމުންދާ ބަހުސަށް އަމާޒުވާ ބައެއް ވާހަކަތައްވެސް ހުސައިންފެ ފޭސްބުކް ޕޯސްޓުން ފާހަގަވެއެވެ.

2 Comments

  1. ޙުސައިން ވަޙީދު ގެ ސީ.ޕީ ކަމުގަ މިޤައުމުން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ނުރައްކާތެރި ޤާނޫނު ފާސްކުރިއިރު މަޤާމުގެ ދަހިވެތިކަމުގަ އެއްވެސް އެއްޗެއް ނުބުނެ ހުރެފާ މިހާރު މާބޮޑަށް ޤައުމުދެކެ ލޯބިވާކަމަށް ހެދުނީ ދެއްތޮ…؟ ަ ަ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button