ޚަބަރު

ކޯޓު އަމުރު ނެތުމުން ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހާ ދޫކޮށްލައިފި

މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ، ފުލުހަކަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކަމަށްވާތީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފިއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ، މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދިނުމުންނެވެ. މީނާ މިކަންކޮށްފައިވަނީ އޭނާ ނިސްބަތްވާ ގޭންގުގެ މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރުމުންނެވެ. އަދި މީނާގެ ފަހަތުން، އިތުރު އެގޭންގަށް ނިސްބަތްވާ މީހުން ޕޮލިސް ސްޓޭޝަނަށް ވަދެ އަޑުގަދަ ކޮށްފައިވެއެވެ.

އިއްޔެގެ ވަގުތެއްގައި އޭނާ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ އިތުރަށް ބަންދުގައި ބެހެއްޓެން ނެތްކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނަ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށާއި އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ކުށުގެ ވެށިން ނޫންކަމާއި، ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނި އިޖުރާއަތްތަކާއި ޚިލާފަށް ކަމަށް ކަނޑައަޅާފައިވެއެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ކޮމިޝަނާރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާލުވެފައިވަނީ މާފަންނުގައި ހަރަކާތްތެރިވާ ގޭންގަކަށް ނިސްބަތްވާ މީހަކު ވައްކަންކުރި ކަމަށް ތުހުމަތުކުރެވި ހައްޔަރުކުރެވުމުން، އެގޭންގަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފައިވާކަމަށެވެ.

އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެގްރޫޕުގެ މީހުންނާމެދު ވެސް ފިޔަވަޅު އެޅޭނެ ކަމަށާއި ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލޭގައި ގޭންގްތަކުގެ ޙަރަކާތްތައް ދަނީ ވަރުގަދަވަމުންނެވެ. މީގެ ދެހަފްތާ ކުރިން ހެންވޭރުގެ ގްރޫޕަކުން ވަނީ ތިން ފުލުހަކަށް ހަމަލާދީ ތިން ފުލުހުން ޒަހަމް ކޮށްލާފައެވެ.

ގޭންގްތައް ހުއްޓުވަން ފުލުހުންނާއި ސިފައިން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަތާ އަހަރެއްހައި ދުވަސްވާން ކައިރިވެފައިވާއިރު، މާލޭގައި ގޭންގްތަކުގެ ހަރަކާތްތައް އިތުރުވެ އިތުރަށް ވަރުގަދަ ވަމުން ދާކަން ފާހަގަކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button