ކްލަބް ގްރީން ސްޓްރީޓްސްގެ ބިދޭސީ ކުޅުންތެރިއެއްގެ އުޖޫރައާ ބެހޭ ގޮތުން އޮންލައިން ނޫހެއް ކަމުގައިވާ ”މިހާރު“ ނޫހުން ލިޔެފައިވާ ހަބަރަކާއި ގުޅިގެން އެ ކްލަބުން މީޑިއާ ސްޓޭޓްމެންޓެއް ނެރެފިއެވެ.
އެއްވަނަ ޑިވިޝަންގައި ހިމެނޭ ގްރީން ސްޓްްރީޓްސްގެ ސްޓޭޓްމަންޓްގައި ބުނެފައިވަނީ، ނިމުނު ފުޓުބޯޅަ ސީޒަން ކަމުގައިވާ 21/22 އަށް އެފްއޭއެމް އިން ދޭން ހަމަޖެހިފައިވާ ފައިސާ ކްލަބަށް ލިބިފައިނުވާ ކަމަށެވެ. އަދި އެ މައްސަލަތައް ފާހަގަކޮށް ކްލަބުން އެފްއޭއެމްގެ ރައީސް އާއި، ޖެނެރަލް ސެކެޓްރީއާއި ވެސް ބައްދަލުކޮށް، ހިތްހަމަނުޖެހުން ފާޅުކޮށްފައިވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެފްއޭއެމް އާއި ހަވާލާދީ އެ ކްލަބުން ބުނީ އެ މައްސަލަތައް ހަފްތާއެއްގެ ތެރޭގައި ހައްލުކޮށްދޭނެ ކަމަށެވެ.
ކްލަބް ގްރީން ސްޓްރީޓްސް އިން އުންމީދު ކުރާގޮތުގައި ހުރިހާ މައްސަލަތަކެއް އަންނަ ސީޒަން ކަމުގައިވާ 22/23 ފެށުމުގެ ކުރިން ހައްލު ވެގެން ދާނެއެވެ.
އެ ކްލަބާ ދެކޮޅަށް ފީފާއިން ޓްރާންސްފާގެ އަދަބު ދިނީ ސްޕެއިންގެ ފޯވާޑް އޭންޖަލް މުނޯޒް އަށް މުސާރަ ނުދޭ މައްސަލާގައެވެ. ފީފާއިން ވަނީ ކުރިއަށް އޮތް ޓްރާންސްފާގެ ތިން ޕީރިއަޑްގައި އެ ކްލަބަށް އާ ކުޅުންތެރިން ސޮއި ނުކުރެވޭ ގޮތަށް އަދަބު ދީފަ އެވެ. އެހެން ނަމަވެސް އޭގެ ކުރިން ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިންނަށް އޭގެތެރޭގައި ނުހިމެނެއެވެ.
އެފްއޭއެމުން ކްލަބްތަކަށް ފައިސާ ނުދިނުމުގެ ސަބަބުން ގިނަ ކްލަބް ތަކުގެ ކުޅުންތެރިންގެ މުސާރައިގެ މައްސަލަތަކެއް ދިމާވެ، ކްލަބް ހިންގުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ.