
މިއަދު ފަނޑިޔާރުގޭގެ ވާހަކަތަކާއި އަދުލު އިންސާފުގެ ވާހަކަ ދައްކަން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އިން ލަދުގަންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިފަދައިން ވިދާޅުވީ އެތައް ބަޔަކާއެކު ލިވާތު ކުރި ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށަށް އިއުތިރާފްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު 3 މަސް ދުވަހަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުންހުކުމް ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މޮސްޓާ ވިދާޅުވީ މިހާރު މި ފެންނަނީ އަދުލުއިންސާފު ފަނޑިޔާރުގެއިން ކޯދުލާ އުތުރި އަރަމުން އަންނަ މަންޒަރު ކަމަށެވެ. މިއާއިއެކު އޭނާ ވަނީ މިފަދައިން ހުކުމްކޮށްފައި މިވަނީ ނާޒިމް ސައްތާރަކީ މުޙައްމަދު ނަޝީދުގެ ކޮއްކޮ ވީމަ ފަނޑިޔާރުން ބިރުގަތީތޯ ސުވާލު އުފައްދަވާފައެވެ.
މޮސްޓާ އިތުރަށް ވިދާޅުވީ މިއަދު މިފެންނަނީ ސަދޫމް އިންސާފު ކަމަށާއި، އެމްޑީޕީއިން އަދުލު އިންސާފޭ ފަނޑިޔާރުގެއޭ ކިޔަން ލަދުގަންނަންޖެހޭ ކަމަށެވެ.
އަދުލުއިންސާފު ފަނޑިޔާރުގެއިން ކޯދުލާ އުތުރި އަރަމުން އަންނަ މަންޒަރު މި ފެންނަނީ… ފަނޑިޔާރު މަނިކުފާނު ބިރު ގަތީބާ @MohamedNasheed ކޮއްކޮވީމަ… މިއަދު @MDPSecretariat ލަދުގަންނަން ޖެހޭނެ ފަނޑިޔާރު ގެއޭ އަދުލުއިންސާފު ކިޔަން… ސަދޫމް އިންސާފު މިފެންނަނީ pic.twitter.com/cskyvMDX7o
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) September 15, 2022
ކްރިމިނަލް ކޯޓުން ނާޒިމްގެ މައްޗަށް ކުރި ހުކުމުގައި ވާގޮތުން ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތްމިންވަރަށް ވަނީ ސާބިތުވެފައެވެ. އަދި ޝަރީއަތުން ނިންމީ އޭނާ ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ކުރުމަށެވެ. އެގޮތަށް ހުކުމް އައިސްފައިވަނީ އޭނާ ކުށެއްކުރި ފުރަތަމަ ފަހަރު ކަމަށް ވެފައި، އިއުތިރާފު ވުމުގެ ސަބަބުން ކުށުގެ އަދަބު ދެ ދަރަޖަ ދަށް ވުމާ ގުޅިގެންކަމަށްވެއެވެ.
ނާޒިމް އާއި އެއްކޮށް އެއްޖިންސުން ގުޅުން ހިންގި އަލަމްގީރުވެސް ވަނީ ކުށަށް އިއުތިރާފް ވެފައެވެ. އޭނާ އަށް އައީ 7 މަހުގެ ޖަލު ހުކުމެކެވެ.
ކްރިމިނަލް ކޯޓުގެ މިހުކުމާއި ގުޅިގެން ދިވެހި ރާއްޖޭގެ ޖުޑީޝަރީއަށް އެތައް ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.