ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފިޝަލެއް ނަން ނުޖެހުމަށް ޝަރުތުކޮށް މީޑިއާއަށް މައުލޫމާތެއް ނުދޭނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
”ރައީސް އޮފީހުގެ އޮފިޝަލަކާ ޙަވާލާދީ“ ކަމަށް ބުނެ އޮންލައިން ނޫހެއް ކަމުގައިވާ ”ދިޔަރެސް“ ނޫހުގައި ޖަހާފައިވާ ބައެއް ހަބަރުތަކާ ގުޅިގެން މިއަދު މިއުވާން ވިދާޅުވީ ނަން ނުޖެހުމަށް ޝަރުތުކޮށް ރައީސް އޮފީހުން މީޑިއާއަށް މައުލޫމާތު ނުދޭނެ ކަމަށާއި، އެފަދަ ދޮގު ވާހަކަތައް ނުފެތުރުމަށެވެ.
މިއަވާން ވިދާޅުވިގޮތުގައި ރާނީ އެލިޒަބަތު 2 އަވަހާރަ ވުމާއި ގުޅިގެން، އެކަމަނާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގެ ހަރަދަށް 3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިކަމަށް ރައީސް އޮފީހުގެ އިސް ވެރިޔަކާއި ހަވާލާދީ ”ދިޔަރެސް“ ނޫހުން ލިޔެފައިވާ އެ އާޓިކަލްގައިވަނީ ހަގީގަތެއް ނެތް، ދޮގު ވާހަކަތަކެކެވެ.
”ރައީސް އޮފީހުގެ ވެރިއެއް ވިދާޅުވިކަމަށް ބުނެ ލިޔެފައިވާ މި އާޓިކަލްގައިވަނީ ހަގީގަތެއް ނެތް، ދޮގު ވާހަކަތަކެއް.“ މިއުވާން ވިދާޅުވިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ހާމަކުރެއްވިގޮތުގައި ރައީސްގެ ދަތުރުފުޅުގެ ހަރަދަށް އެއް މިލިއަން ރުފިޔާވެސް ހަރަދު ނުވާނެ އެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅަށް 3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިކަމަށް މީޑިއާ އަކުން ކުރި ރިޕޯޓަކީ ސައްހަ މައުލޫމާތެއް ނޫން ކަމުގައެވެ.
“ތިން މިލިއަނެއް ނާރާނެ އިނގޭތޯ. މިލިއަނެއްވެސް ނާރާނެ.” މިއުވާން ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވިގޮތުގައި ރައީސް ސޯލިހުގެ ދަތުރުފުޅު ނުނިމޭތީ ހަރަދުވާނެ ވަރު ނުވަތަ ބަޖެޓުކޮށްފައިވާ އަދަދު ހާމަކުރަން ދައްޗެވެ.
މިއުވާން ވިދާޅުވީ ބޭރު ދުނިޔޭގެ ވެރިއަކު އަވަހާރަވެފައިވާ ދަނޑިވަޅެއްގައި ދުނިޔެއާ ވަކިވެގެން ނޫޅެވޭނެ ކަމަށާއި، ރައީސްގެ ދަތުރުފުޅުގައި ބައިވެރިވެފައިވަނީ މަދު އަދަދެއްގެ ބައެއް ކަމުގައެވެ.