
މަގާމުތަކުގައި ތިބެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތު ގަބޫލު ކުރެވޭ މީހުނަށް އެކަނި ކަމުގައި އެމަނިކުފާނުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”ބޮންތި“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ސިޔާސީ ވަޒީފާ ތަކަކީ އާންމު ވަޒީފާތަކެއް ނޫން ކަމަށާއި، ސިޔާސީ މަޤާމްތަކުގައި ތިބެވޭނީ ސިޔާސަތު ގަބޫލުކޮށްގެން ކަމަށެވެ.
“ސިޔާސީ މަޤާމްތަކަށް މީހުން އައްޔަން ކުރަނީ އެ ސިޔާސަތުތަށް ތަންފީޒު ކުރުމަށް” މިއުވާން ވިދާޅުވިއެވެ.
ސިޔާސީ މަޤާމްތަކުގައި ތިއްބެވި ވަރަށް ގިނަ ފަރާތްތަކުން މި ފަހުން ވަނީ މަޤާމްތަކުން ވަކި ކުރައްވާފައިއެވެ. އެކަމާ ގުޅިގެން ކުރެވުނު ސުވާލު ތަކަށް ވެސް މިއުވާން ވަނީ ރައީސް އިބްރާހީމް ދިފާޢު ކުރައްވާ ވާހަކަދައްކަވާފައެވެ.
“ސިޔާސަތުތައް ގަބޫލު ކުރައްވާ ބޭފުޅުންނާއެކު ސަރުކާރުން ކުރިޔަށް ދާނީ” މިއުވާން ވިދާޅުވިއެވެ.