
ސަރުކާރުގެ ބަޖެޓް ފޫބެއްދުމަށް ކަމަށް ބުނެ އިންޑިއާގެ ބޭންކަކުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނުގެ ތަފުސީލު ހާމަކުރުމަށް ސަރުކާރުން ފަސްޖެހިއްޖެއެވެ.
ޓްރެޝަރީ ބޮންޑެއް ސެޓޭޓް ބޭންކް އޮފް އިންޑިއާއަށް ވިއްކައިގެން ދަރަންޏަށް ނަގާފައިވާ 100 މިލިއަން ޑޮލަރުގެ އިންޓަރެސްޓު ރޭޓާއި އެ ފައިސާ އަނބުރާ ދެއްކުމުގެ ޝަރުތުތަކާ ގުޅޭ ގޮތުން ނޫވެރިން ކުރައްވާފައިވާ އެއްވެސް ސުވާލަކަށް މިހާތަނަށް ފިނޭންސް މިނިސްޓްރީން ޖަވާބެއް ދެއްވާފައިނުވެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރުގެ މި ދަރަންޏަކީ އޯގަސްޓް މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި ކުރެއްވި ބައްދަލުވުމުގެ މަޝްވަރާތަކުގެ ތެރެއިން އެދިވަޑައިގަތުމުން ހަމަޖައްސާދީފައިވާ ލޯނެކެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު މި ލޯނާއި ގުޅިގެން ކުރައްވާފައިވާ ސުވާލަކަށް ރައީސް އޮފީހުގެ ތަރުޖަމާނު އެއިން އެއްވެސް ތަފްސީލެއް ދެވެން ނެތް ވާހަކަ ދަންނަވާފައިވެއެވެ. އަދި އެއީ ޓެކްނިކަލް މައުލޫމާތު ކަމަށްވީމަކަމުގައިވެސް ވިދާޅުވެފައިވެއެވެ.
އެގޮތުން, މިފަދަ މައުލޫމާތުތައް ހާމަކުރާނީ ފިނޭންސް މިނިސްޓްރީން ކަމަށާއި, ދަރަނީގެ އެއްބަސްވުމުގެ ދަށުން ހާމަކުރެވޭނެ ހުރިހާ މައުލުމާތެއް ފިނޭންސް މިނިސްޓްރީން ހާމަކުރާނެ ކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން އަބްދުالله ވިދާޅުވިއެވެ.
މި 100 މިލިއަން ޑޮލަރުގެ ލޯނު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ޓްރެޝަރީ ބޮންޑު ގަނެގެން ދޫކޮށްފައިވަނީ އިންޑިއާ ސަރުކާރުން އެ ބޭންކަށް ސޮވެރިން ގެރެންޓީއެއް ދޫކޮށްގެންކަމަށް އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.