ޚަބަރު

އަޒާން ފުލުހަށް ހާޒިރުކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތަކުން ނޫން: ފުލުހުން

”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން މަރުޒޫގް ފުލުހަށް ހާޒިރުކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ނޫން ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ނޫސްވެރިއެއް ފުލުހަށް ހާޒިރު ކުރާކަމަށް ބުނެ ބައެއް މީޑިއާ ތަކުގައި ފެތުރެމުންދާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. އަދި އަޒާން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ، އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށް ކަމަށެވެ.

މީގެ އިތުރުން މިބަޔާނުގައި ބުނެފައިވަނީ މި މައްސަލައަކީ ދިވެހި ފުލުހުންގެ ހިދުމަތުން ފެބްރުއަރީ 2022 އިން ފެށިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްކަމަށެވެ. އަދި މިމައްސަލައިގެ ތަހުގީގުގައި އިތުރު ފަރާތްތަކާވެސް ސުވާލުކުރެވިފައިވާނެކަމަށް ބުނެފައިވެއެވެ.

މި ބަޔާނުގައި ބުނެފައިވަނީ އަޒާން ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫންކަމަށެވެ. އަދި ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ނުކުރާނެކަމުގެ ޔަގީންކަން ދޭކަމަށް ބުނެފަައިވެއެވެ.

ސަރުކާރުގެ އިސްވެރިންތަކެއްގެ ސިއްހީ މެޑިކަލް ރިޕޯޓުތަކެއްގެ މައުލޫމާތުތައް އައިޖީއެމްއެޗް ޕޯޓަލް މެދުވެރިކޮށް ހޯދުމަށްފަހު ލީކުކޮށްލިކަމަށް ބުނެ އަޒާން ފުލުސް އޮފީހަށް ހާޒިރުވާން އޭނާ އަށް ވަނީ ޗިޓު ފޮނުވާފައެވެ.

އަޒާން ކުރި ޓުވީޓެއްގައި ބުނީ އައިޖީއެމްއެޗް ވެބްސައިޓުގައިވާ މައްސަލައެއް އެ އިދާރާއަށް ރިޕޯޓުކޮށް އާންމު ކޮންމެ މީހަކަށްވެސް ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުގެ މައުލޫމާތު ބަލާލެވޭގޮތަށް ހުރިކަން އެ އިދާރާގެ ސަމާލުކަމަށް ގެނައުމުން އޭނާ އަކީ އެކަން ކުރި މީހާ ކަމަށް ފުލުހުން ކަނޑައަޅައި، އޭނާގެ މައްޗަށް ބޮޑު ތަހުގީގެއް ހިންގަން ނިންމާފައިވާ ކަމުގައެެވެ. އަދި އެކަމާ ގުޅިގެން ރަނގަޅު ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އޭނާ ވަނީ އެދިފައެވެ.

ފުލުހުންގެ މައި އިދާރާ ކަމަށްވާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އަށް އަޒާން ހާޒިރުވާން އަންގާފައިވަނީ މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 15:00 އަށެވެ. ދައުލަތުގެ މެޑިކަލް މައުލޫމާތު ހޯދައި ލީކު ކޮށްލި ކަމުގެ ތުހުމަތު އަޒާނަށް ކުރާއިރު އެއީ އައިޖީއެމްއެޗްގެ އައިޓީގެ ފަރުވާ ކުޑަކަމުންކަމެއް ނުވަތަ ގަސްތުގައި ކުރި ކަމެއް ކަމެއް ފުލުހުން އެއްވެސް ވަރަކަށް ނުބަލާކަން ފާހަގަކޮށްލެވެއެވެ. އަދި އަޒާނަކީ އެކަން ހޮސްޕިޓަލުގެ ސަމާލުކަމަށް ގެނައި މީހާއަށް ވާއިރު އޭނާގެ މައްޗަށް އެވަރުގެ ބޮޑު ތުހުމަތެއް ކުރަންޖެހޭ ސަބަބެއް ނުވިސްނެއެވެ.

އަޒާނަކީ ސަރުކާރުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަމާއި ވައްކާމާއި ފަސާދައިގެ ވާހަކަ އެންމެ ގަދަޔަށް މީސް މީޑިއާގައި ދައްކައި އަދި ރިޕޯޓު ކުރަމުން އަންނަ ނޫސްވެރިއެކެވެ. ބެލެވޭގޮތުގައި މިއީ ސަރުކާރުގެ އިސްވެރިންތަކެއް އަޑީގައި ތިބެގެން ނޫސްވެރިޔާ އަޒާނަށް ޒާތީގޮތުން ކުރާ ތުހުމަތުތަކެކެވެ. އަދި މަސްދަރު ހާމަކުރަން ލާޒިމް ކުރެވޭގޮތަށް ހެއްކާ ބެހޭ ބިލު ރައީސް ސޯލިހު ތަސްދީގު ކުރެއްވިތާ 24 ގަޑިއިރު ނުވަނީސް މިފަދަ ކަމެއް ފެންމަތިވުމަކީވެސް މިނިވަން ނޫސްވެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button