މިނިވަން ނޫސްވެރިކަމެއް ގެނެސްދޭނަކަމަށް ބުނެ އެޅުވީ ތަޅު: މާއިލް
މިނިވަން ނޫސްވެރިކަމެއް ގެނެސްދޭނެކަމަށް ބުނެ އައި ސަރުކާރުން ނޫސްވެރިންގެ ދުލުގައި ތަޅު އަޅުވައިފިކަމަށް ޕީޕީއެމްގެ ސެނެޓަރު ހަސަން މާއިލް އަލީ ވިދާޅުވެއްޖެއެވެ.
މާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ ސަރުކާރުން ނޫސްވެރިންގެ ހައިސިއްޔަތު ގެއްލުވާލާފައިވާ ކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމެއް ގެނެސްދޭނެ ކަމަށްބުނެ އައި ސަރުކާރުން މިފަހަރު ނެގީ ދެލިކޮޅު ކަމަށާއި, މަސްދަރުގެ ނަމުގައި އެޅުވީ ތަޅު ކަމަށެވެ.
މާއިލް އިތުރަށް ވިދާޅުވީ މިއަދު ނޫސްވެރިން, ނޫސްވެރިން ނޫންކަމަށް ހަދައި ތަހުގީގުކުރުވަނީ ސިދާ ސަރުކާރުގެ ކެހިވެރި ރޭވުމަކުން ކަމަށެވެ. އަދި ނޫސްވެރިންގެ ދުލުގައި ތަޅު އެޅުވައި ގަލަމުގެ ދެލިހޮޅި ނެގިކަމަށް ވިޔަސް ދިވެހި ނޫސްވެރިންނަކީ ދިވެހިންގެ ހައްގުގައި މަސައްކަތްކުރާނެ ބައެއްކަން ޔަގީން ކަމަށެވެ.
މާއިލް މިފަދައިން ވިދާޅުވެ ޓްވީޓުކުރައްވާފައިވާއިރު, ދާދިފަހުން ވަނީ ހެއްކާއި ބެހޭ ގާނޫނަށް އިސްލާހުގެނެސް, ނޫސްވެރިންނަށް މަސްދަރު ހާމަކުރުން މަޖުބޫރުކުރުވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައެވެ. އަދި ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށްވެސް ފުލުހުން ވަނީ ނިންމާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ބަދަލު ގެނައުމުގައި އެންމެ އިސްކޮށް ތިއްބެވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އަބުރުގެ ގާނުނަށް ގެނެވުނު ބަދަލާ ގުޅިގެން, އެކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި, ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ.