ޚަބަރު

ޑަބްލިއުޑީސީގެ ބައި-އިލެކްޝަން ދެން ބާއްވާނީ އަހަރަކު އެއް ފަހަރު

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙްތަކަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަޤާމް ހުސްވެއްޖެނަމަ، އެ މަޤާމު ހުސްވާތާ ލަސްވެގެން އެއް އަހަރުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ޖެހުމާއި، އެ ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ އެ ހުސްވި މަޤާމަށް، އަލުން މެމްބަރަކު އިންތިޚާބު ކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުމެވެ.

އެހެން ނަމަވެސް، ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވުމުގެ ސަބަބުން، އެކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާވަރަށް ކޮމިޓީގައި މެންބަރުން ނެތްނަމަ، އެ މަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މެންބަރަކު އިންތިޚާބު ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި ބާކީ އޮތީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއްނަމަ، ހުސްވި މަޤާމަށް، އަލުން މެންބަރަކު އިންތިޚާބު ކުރުން ލާޒިމުނޫންކަމަށް ކަނޑައަޅައި، ބައި-އިލެކްޝަނަކުން އިންތިޚާބު ކުރާ މެންބަރުގެ މަޤާމުގެ މުއްދަތަކީ، ކޮމިޓީގެ އުމުރު ހަމަވުމަށް ބާކީ އޮތް މުއްދަތުކަމުގައިވެސް ޤާނޫނަށް ގެނައި އިޞްލާޙްތަކުގައި ބަޔާންކޮށްފައިވެ އެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމުން، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 10 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ގާނޫނަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button