ޚަބަރު

”ދިޔަރެސް“ ގެ ނޫސްވެރިޔަކަށް ވަގަށް، އޭނާ އަދާލާތު ޕާޓީއަށް ވައްދައިފި

”ދިޔަރެސް“ގެ ނޫސްވެރިޔެއް ކަމަށްވާ ސީނިއާ ޖާނަލިސްޓު އާނިފާ ހުސައިން ސިރާޖަށް ނޭނގި، އޭނާ އަދާލަތު ޕާޓީއަށް ވައްދާފައިވާކަން ހާމަވެއްޖެއެވެ.

އާނިފާ ހުސައިންއަކީ ދުވަހަކުވެސް ސިޔާސީ ޕާޓީއަކަށް ސޮއިކޮށްފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް އޭނާގެ ރުހުމަކާނުލައި އޭނާ އަދާލަތު ޕާޓީއަށް ވައްދާފައިވާކަން އެނގުމާ އެކު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އޭނާ އެ ޕާޓީއަށް ވެއްދުމަށް ހުށަހަޅާފައިވާ ފޯމު ހޯދާފައިވާކަމަށް ”ދިޔަރެސް“ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އެފޯމު ފުރާފައިވަނީ މިދިޔަ ނޮވެންބަރު މަހު 11 ވަނަ ދުވަހުކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވާ 2 މީހުންނަށް ”ދިޔަރެސް“އިން ގުޅުމުން އޭގެ ތެރޭގައި ހިމެނޭ އއ. ބޮޑުފޮޅަދޫ، ސަރްސޫމްވިލާ، އާދިލް މުޙައްމަދު ބުނެފައިވަނީ އޭނާއަކީ ޕާޓީތަކަށް މީހުން ވަނުމަށް ފުރާ ފޯމުތަކުގައި ހެކިވެރިއެއްގެ ގޮތުން، ވަރަށް ގިނައިން ފޯމު ތަކުގައި ސޮއިކުރާ މީހެއްކަމަށާއި، ނަމަވެސް އާނިފާގެ ފޯމުގައި ސޮއިކުރެވުނު ހަނދާނެއްނެތްކަމަށެވެ. ދެން ހުރި ހެކިވެރިޔާ ކަމުގައިވާ މ. ކަންދަރު، އިބްރާހީމް ރަމީޒު ބުނެފައުވަނީ އޭނާ އެ ފޯމުގައި ސޮއިކޮށްފައިނުވާނެކަމަށެވެ. އަދި އެއްވެސް އިރަކު އަދާލަތު ޕާޓީއަށް މީހުން ވެއްދި އެއްވެސް ފޯމެއްގައި މިހާތަނަށް ސޮއިކޮށްފައިނުވާނެކަމަށެވެ.

މި ދެ ހެކިވެރީންނަކީ އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ބަޔަކަށް ނުވާއިރު، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް)ގެ ބައްޕަވެސް އޭނާއަށް ނޭނގި އަދާލަތު ޕާޓީއަށް ވައްދާފައިވެއެވެ. މިއީ އަދާލަތުން ކުރަމުންދާ ކަމެއްކަމަށް އިދިކޮޅުން ތުހުމަތުކުރާއިރު، ޕާޓީއަށް ވަގަށް މީހުން ވައްދާ މައްސަލައާ ގުޅިގެން ޓްވިޓާގައިވެސް އާންމުންގެ ގިނަ ބަޔަކު ދަނީ އަދާލަތު ޕާޓީގެ އިސްވެރިން ކަމުގައިވާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފާއި އަލީ ޒައިދުގެ އަރިހުން ވަގަށް ޕާޓީއަށް މީހުން ވެއްދުމާއި ގުޅިގެން އިސްލާމްދީނުގައި އޮންނަ ހުކުމަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް އެބޭފުޅުން ޖަވާބެއް ނުދެއްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button