ޚަބަރު

މާލޭގެ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން: މޭޔަރ މުއިއްޒު

މާލެ ސިޓީގެ ރައްޔިތުންނަށް ގޯތި ހޯދައިދުމަށް ކުރެވެންހުރި ކޮންމެ ކަމެއް ކުރާނެ ކަމަށް މާލެސިޓިގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދިޔަ މާލެ ސިޓީ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމަވަމުން މޭޔަރ ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނަށް މިއަދު އެންމެ މުހިންމު ކަމަކީ ބޯހިޔާވަހިކަން ކަމަށާއި, އަލަށް އިންތިހާބުވި މާލެ ސިޓީ ކައުންސިލުގެ ފުރަތަމަ 14 މަސްދުވަސްތެރޭގައި މިކަމަށް ސަރުކާރުގައި އެދި, ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.

އެގޮތުން މާލޭގެ ރައްޔިތުންނަށް ހައްގުމިންވަރަށް ގޯތި ހޯދައިދިނުމަށް އިސަކަންދިނުމަށް ސަރުކާރުގައި އެތައް ފަހަރަކު އެދިފައިވާނެ ކަމަށާއި, އަދި ހުޅުމާޅެ ދެވަނަ ފިޔަވަހީގެ ސަރަހައްދު ތަކުން ގޯތި ދިނުމަށް އެދިފާވަނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. މީގެ އިތުރުން އެފަދައިން ދެއްވާ ގޯތިތައް ދެއްވަން ވާނީ އެހެން ރަށްރަށުގައިވެސް ގޯތިދޭ ފަދައިން އަދި ގާނޫނު އަސާސީގައިވާ ފަދައިން ހިލޭކަމަށް ސިޓީއިން އެދި ދަންނަވާފައިވާނެކަން ފާހަގަކުރެއްވިއެވެ.

މޭޔަރ ވިދާޅުވީ އެމަސައްކަތްތަކުގެ ސަބަބުންނާއި, ރައްޔިތުން އަމިއްލައަށް ކުރެއްވި މަސައްކަތުން އެކަމުގައި އަލިމަގެއް ފެންނަމުންދާކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެން ނަމަވެސް މޭޔަރ ވިދާޅުވީ މިކަމާގުޅިގެން ކުރެވޭ އެއްވެސް މަޝްވަރާއެއްގައި ސަރުކާރުން މާލެ ސިޓީ ކައުނސިލް ބައިވެރި ނުކުރާކަމަށެވެ. އަދި ގާނޫނުގައި އެއްވެސް ރަށެއްގައި ސަރުކާރުން މަސައްކަތެއް ކުރާނަމަ, އެ ރަށެއްގެ ކައުންސިލް ބައިވެރިކުރުމަށް މަތިކޮށްފައި އޮތް ނަމަވެސް, ސަރުކާރުން އެފަދައިން އަމަލު ނުކުރާ ކަމަށެވެ. އަދި މިފަދައިން ގާނުނުގައި ބުނެފައިވަނީ ރައްޔިތުންގެ ބައިވެރިވުން އެކަމެއްގައި ހިމެނުމަށް ކަމަށާއި, މިކަމުގައި ސަރުކާރުގެ އެއްބާރުލުން އެއްވެސް ވަރަކަށް ނުލިބޭ ކަމަށް ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ސަރުކާރުން މިގޮތަށް އަމަލުކުރި ކަމުގައިވިޔަސް މާލެ ސިޓީގެ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް މާލެ ސިޓީ ކައުންސިލުގެ ފަރާތުން ކުރާނެކަމަށެވެ. އަދި ސަރުކާރުން މިހާރު ގޯތި ހޯދުމަށް ހުޅުވާލާފައިވާ ފުރުސަތު ތަކުގައި, ފޯމު ހަށައެޅުމަށް ދަތިވާ ފަރާތްތަކަށް ކައުންސިލުން އެހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން 3 އޯގަސްޓުން ފެށިގެން ހަފްތާ ބަންދުނޫން ކޮންމެ ދުވަހެއްގައި ކައުންސިލުން މި ހިދުމަތް ލިބޭކަމަށާއި, މާލޭގެ އެކި އެކި ސަރަހައްދުތަކުގައި މިކަމަށް ހާއްސަ މޭޒުތަކެއް ބަހައްޓާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ ސަރުކާރުން މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ނުދިން ކަމުގައިވިޔަސް ކައުންސިލް އޮންނާނީ ރައްޔިތުންނާ އެކީގައި ކަމަށާއި, މިފަދަ ކަންކަމުގައި ކައުންސިލްގެ އިހްލާސްތެރި ހިދުމަތް ރައްޔިތުންނަށް ލިބޭނެކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ މިރޭގެ ރައްޔިތުންގެ ބައްދަލުވުމުގައި ވަނީ މާލެ ސިޓީ ކައުންސިލުގެ އޮންލައިން ޕޯޓަލް ”މާފެހި“ ވެސް އިފްތިތާހުކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް މާލެ ސިޓީ ކައުސިންލުންދޭ ހިދުމަތްތަކުގެ ތެރެއިން 90 އިންސައްތަ ހިދުމަތް އޮންލައިކޮށް ލިބޭޭނެއެވެ. މީގެ އިތުރުން މިބައްދަލުވުމުގައި ވަނީ މާލެ ސިޓީ ބެލެހެއްޓުމަށް ފުލުހުންނާއި ގުޅިގެން ދޭން ނިންމާފައިވާ ”ސްޕެޝަލް ކޮންސްޓެބިއުލަރީ“ ހިދުމަތްވެސް އިފްތިތާހުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button