ޚަބަރު

މާލެސިޓީ “ސްޕެޝަލް ކޮންސިޓިބިއުލަރީ” ގެ ހިދުމަތް އިފްތިތާހު ކޮށްފި

މާލެސިޓީގެ މުނިސިޕަލް ހިދުމަތް ރަނގަޅު ކުރުމަށްޓަކައި “ސްޕެޝަލް ކޮންސިޓިބިއުލަރީ” ގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިރޭ ކުރިއަށްދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި މިކަން އިފްތިތާހުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުގެ ފަރާތުން ކަމާ ބެހޭ އެސްއޯޕީ ހަވާލުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން މި އެސްއޯޕީއާއި ހަވާލުވެވަޑައިގަތީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން އަހްޒަމް އެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ހުށައެޅި އިފްތިތާހީ ރިޕޯޓުގައި ބުނެފައިވަނީ ކުރިއަށް އޮތް އޯގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލޭގެ ރައްޔިތުންނަށް މި ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މި ހިދުމަތުގެ ދަށުން މާލެ ސިޓީގެ ބިންތަކުގެ ތެރެއިން އާންމު ބިންތަކުގެ ގޮތުގައި ކަނޑައަޅާފައި ބިންތަކުގައި ހުއްދަނެތި ބަހައްޓާފައި ހުންނަ ތަކެތީގެ ކަންކަން ހަމައަކަށް އެޅުވުމާއި, މަސައްކްތކުރާ ސަރަހައްދުތަކުގައި އެކަން ކުރަނީ ހުއްދައެއް އޮވެގެންތޯ ބެލިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކުންޏާއިމެދު އަމަލުކުރެވޭ ގޮތް ބެލުމާއި, ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް އެގޮތުގައި ބެލެހެއްޓެމުން ދޭތޯ ބެލުމާއި, އަދި ސަރަހައްދުތަކުގައި ގާނޫނާ ގަވާއިދާ ހިލާފަށް ކަންތައްތައް ހިނގާ މިންވަރު މަދުކުރަން މަސައްކަތްކުރުން އެއީ މިހިދުމަތުގެ ދަށުން ބެލޭނެ ކަންކަން ކަމަށް ބުނެފައިވެއެވެ.

ހަމަ އެހެންމެ މި ހިދުމަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެވޭނީ މާލެ ސިޓީގެ މިސްކިތްތަކުގެ ހުރުމަތް ހިފެހެއްޓުމަށާއި, މަގުތަކުގެ ތަރުތީބު ބެލެހެއްޓުމަށް ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މި ހިދުމަތުގައި އެންމެ ފުރަތަމަ އިސްކަން ދެވޭނީ ހަނދާން ކޮށްދިނުމުގެ އުސޫލަށް ކަމަށެވެ. އަދި ތަކުރާރުކޮށް އުސޫލުން ބޭރުވެއްޖެނަމަ ޖޫރިމަނާ ކުރެވޭނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން މިކަންކަމުގައި އަމަލުކުރާނެ އުސޫލުތަކާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކެއް އަވަސް މުސްތަގްބަލުގައި ފެށިގެންދާނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މި ހިދުމަތަކީ މާލެ ސިޓީ ކައުންސިލުގެ ތާރީހުގައި ތައާރަފްކުރި މިފަދަ އެންމެ ފުރަތަމަ ހިދުމަތެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button