އޭވިއޭޝަންގެ ހަޔާތުގައި އެންމެ ބިރުވެރި ދުވަސްތަކެއް ދެކުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް އެކުންފުނީގެ ކުރީގެ ބޯޑު މެންބަރު އަދި އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ކުރީގެ ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ކެޕްޓަން އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ޑޮމެސްޓިކް އެއާޕޯޓުތަކުގައި މަތިންދާބޯޓަށް އަޅާނެ ތެޔޮ ނެތް ކަމުގައެވެ. އަދި ކިރިޔާ ދަތުރު ކުރެވޭ ވަރަށް ތެޔޮ ދޫކުރުމުގެ ސަބަބުން ކާގޯ ލޯޑުގެ ހިދުމަތަށް ބުރޫ އަރާފައިވާ ކަން އަމީން ފާހަގަކުރެއްވިއެވެ.
Today, we are dealing with one of the worst nightmares in Maldivian Aviation history under @ibusolih Govt.
No fuel at most of the domestic airports, Operating with load restrictions, and can't uplift cargo.
It's a safety concern for alternate ops & a massive loss for Airlines!— Mohamed Ameen (@ameen3d) July 12, 2022
އަމީން ފާހަގަކުރެއްވިގޮތުގައި މިކަމުގެ ސަބަބުން ގިނަ އެއާލައިންތަކަށް އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެއެވެ.
ކެޕްޓަން އަމީން މިފަދައިން ވިދާޅުވީ އެސްޓީއޯގެ ތެޔޮ ޝިޕްމެންޓުތައް ރަނގަޅަށް މެނޭޖު ނުކުރެވުމުގެ ސަބަބުން މަތިންދާ ބޯޓަށް އަޅާ ޖެޓް ފިއުލް ލިމިޓު ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް މަޖުބޫރު ވެފައިވާ ދަނޑިވަޅެއްގައެވެ.
އެއާލައިނުގެ ބޯޓަކަށް 15 ވަރަކަށް ޓަނު ޖެޓް ފިއުލް އަޅަން އެދުމުން ލިބޭނީ 7 ވަރަކަށް ޓަނު ކަމަށް އެމްއޭސީއެލުން މީގެ ކުރިން އަންގާފައިވެއެވެ. އަދި އެކަމުގައި ކުރެވޭނެ ކަމެއް ނެތްކަމަށް ބުނެފައިވެއެވެ.
އެމްއޭސީއެލަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރަނީ އެސްޓީއޯއިން ކަމަށްވާއިރު، އަމިއްލައަށް ތެޔޮ އިމްޕޯޓު ކުރުމުގެ ބާރެެއް އެމްއޭސީއެލަށް ނޯވެއެވެ.
މިކަމާގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވިގޮތުގައި ފްލައިޓްތަކުގެ ޝެޑިއުލް ހުންނަ ގޮތުން އެމްއޭސީއެލަށް ބޭނުންވާ ތެލުގެ ނިސްބަތް ބުނެދޭން ނޭނގެނީއެވެ. އެކަމަކު އެމްއޭސީއެލްގެ ތެލުގެ އޮޕަރޭޝަން ދަންނަ މީހަކު “ބޮންތި” އަށް މައުލޫމާތު ދެމުން ބުނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމުގައެވެ. މިކަމާގުޅިގެން އަމްރުގެ ބަހެއް ހޯދަން “ބޮންތި” އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
އެމްއޭސީއެލް އަކީ އޭޝިއާ ސަރަހައްދުގައި އެންމެ ރަނގަޅަށް ފްލައިޓް އޮޕަރޭޝަންސް މެނޭޖު ކުރާ އެއް ކުންފުންޏެވެ. އެހެން ނަމަވެސް މިކަމުގެ ސަބަބުން އެމްއޭސީއެލް އަށާއި ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ކުރާނެއެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު ހެނދުނު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންނެވީ އެގައުމުން ފޮނުވި ޕްރައިވެޓް ޖެޓެއްގައެވެ. އެނގިގައިވާގޮތުގައި އެ ބޯޓަށް 18 ޓަނުގެ ތެޔޮ އަޅާފައިވެއެވެ.