ޚަބަރު

އީދު އޮޕަރޭޝަންގެ ތެރެއިން ގިނަ އަަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް

ކ. ހިންމަފުށި، ކ. މާފުށި އަދި ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މި އީދު ބަންދާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ކ. ހިންމަފުށީގައި ޖުލައި 9 ވަނަ ދުވަހުގެ ދަންވަރު، އެ ރަށުގެ ކެފޭއެއް ކައިރީގައި ހުރި ގަސްތަކެއް ކައިރި ބަލައި ފާސްކުރިއިރު 71 ފުޅި ބަނގުރާ ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ގއ. ވިލިނގިލީގައި ޖުލައި 8 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީވެސް އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި އެ އޮޕރޭޝަނުގައި ވެސް އެރަށު ހިއްކި ސަރަހައްދުގައި ހުރި ފަޅު ގެއެއް ބަލައިފާސްކުރިއިރު ހަ ދަޅު ބިޔަރު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފަ ނުވާކަމުގައެވެ.

މީގެ އިތުރުން، މާފުށީގައި ހިންގި އޮޕަރޭޝަނެއްގައި މި މަހު 7 ވަނަ ދުވަހު 33 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އޭނާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ޝައްކު ކުރެވިގެން އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 58 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ޖަހާފައި ވާކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button