ޚަބަރު

ރައްޒާންއާއިމެދު ފުލުހުން އަމަލުކުރަނީ އާދަޔާ ހިލާފަށް އިހާނާތްތެރިކޮށް: ލޯޔަރ އާސިފް

ޕީޕީއެމްގެ ކައުންސިލް މެންބަރި އިބްރާޙިމް ރައްޒާންއާއިމެދު ފުލުހުން އަމަލުކުރަނީ އާދަޔާ ހިލާފަށް އިހާނާތްތެރިކޮށް ކަމަށް އުސްތާޒް އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

އިބްރާޙިމް ރައްޒާންގެ ލޯޔަރު، އަދި ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ އުސްތާޒް އާސިފް ވިދާޅުވީ، ރައްޒާންގެ މައްސަލައަށް އެކި ފަރާތްތަކުން ނުފޫޒުފޯރުވަމުންދާ ކަމަށާއި، ރައްޒާންއަށް ނަފްސާނީ ގޮތުން ގެއްލުންވާގޮތަށް އަމަލުކުރަމުންދާކަމަށެވެ.

އެގޮތުން ރޭގެ ވަގުތެއްގައި ރައްޒާން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އުސްތާޒް އާސިފް ވިދާޅުވީ، 2 ވަނަ ފަހަރަށް ރައްޒާނާ ސުވާލުކުރުމަށް ފުލުހަށް ހާޒިރުކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި، ރޭވެސް ފުލުހުން ތަކުރާރުކޮށް ކުރަމުން ގެންދިޔައީ މީގެ ކުރިންވެސް ކޮށްފައިވާ ސުވާލުތައް ކަމަށެވެ. ހަމަ އެހެންމެ ރައްޒާން އެސުވާލުތަކަށް ދެއްވީވެސް ކުރިން ދެއްވި ޖަވާބުތައް ކަމަށް ވިދާޅުވިއެވެ.

އުސްތާޒް އާސިފް ވިދާޅުވީ މިކަމާ ފުލުހުން ހިއްޕުޅާ ނުވި ކަމަށާއި، އަދި ތަކުރާރުކޮށް ރައްޒާން ހަދަނީ ބުހުތާނު ދޮގު ކަމަށް ފުހުލުހުން ބުނި ކަމަށެވެ. އަދި މިއީ ތަހުގީގެއްގައި ފުލުހުންނަށް ތަހުގީގުކުރެވޭ ފަރާތާ މުހާތަބުކުރެވޭނެ ގޮތެއް ނޫންކަމަށާއި، އެފަދައިން ބުނާކަމުގައި ވާނަމަ ހެކި ދައްކަވަން ވާނެކަމަށް އުސްތާޒް ވިދާޅުވިއެވެ. މީގެ އިތުރުން ރައްޒާންގެ ލޮލުގެ މައްސަލަ ހުރޭތޯ މަލާމާތުގެ ރާގަކަށް ފުލުހުން ސުވާލުކުރި ކަމަށާއި، ދޮގު ދެނެގަންނަ މެޝިނަކަށް ލާނެ ކަމަށް ބުނެ ބިރުދެއްކި ކަމަށްވެސް އުސްތާޒް އާސިފް ވިދާޅުވިއެވެ.

މީގެ އިތުރުން އުސްތާޒް ފާހަގަކުރެއްވި ގޮތުގައި، ރައްޒާން މިނިވަންވުމާއެކު ފުލުހުން މަސައްކަތްކުރަމުންދިޔައީ، އެބޭފުޅާގެ ފަރާތުން ދެން ހައްޔަރުކުރެވުނު ފަރާތްތައް ފްރޭމްކުރެވޭފަދަ ބަހެއް ބުނުވައި، އެފަރާތްތަކާއި ދެކޮޅަށް ހެކިބަސް ދިނުމަށް ޑީލް ހެދުވުމަށެވެ. އަދި ތަކުރާރުކޮށް ފުލުހަށް ހާޒިރުކުރަނީ ރައްޒާން އެފަދަ ކަމެއް ކުރުމަށް އެއްބަސް ނުވާތީ ކަމަށް ލޯޔަރު އާސިފް ވިދާޅުވިއެވެ.

އިބްރާހިމް ރައްޒާން ހައްޔަރުކުރެވުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިންޑިއާ ހައިކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރ އަދި ޔޫތް މިނިސްޓްރީއިން ގުޅިގެން ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ހުއްޓުވާލުމަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުން ރާވާ ހިންގުމުގެ ތުހުމަތުގައެވެ.

އެބޭފުޅާ ވަނީ 5 ދުވަހު ބަންދުގައި ބޭއްވުމަށް ފަހު ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ދޫކޮށްލާފައެވެ. އަދި އެއަށްފަހު ފުލުހުން ވަނީ އިއްޔެރެއާއި ލައިގެން 2 ފަހަރެއްގެ މަތިން އެބޭފުޅާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button