
އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތްކުރުމަށް ދިވެހިންނަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، އޮޑިދޯނިފަހަރު ބަނުމަށް މި ސަރުކާރުން އަހަމިއްޔަތުކަމެއް ދެނީ ބޭރު މީހުންނަށް ކަމަށާއި އޭގެ ބަދަލުގައި ދިވެހިންނަށް އެ ފަދަ ކަންކަން ކުރުމުގެ ފުރުސަތު ދެއްވުން މުހިންމު ކަމަށެވެ.
އަދި ރ. އިންނަމާދޫ ކައުންސިލާއި ބައްދަލު ކުރެއްވިކަން ފާހަގަ ކުރައްވާ ޑރ.މުއިއްޒު ވިދާޅުވީ، ރަށުގެ ކައުންސިލް މެމްބަރު އެދުނީ މި ރަށު ރައްޔިތުން އޭޓީއެމް އެއް ބޭނުންވާ ކަމަށާއި، އެ އެދުމުގެ މަތިން މި ރަށުގައި އޭޓީއެމެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އެރަށުގެ ސިއްހީ މަރުކަޒަށް ޖާގަ އިތުރުކޮށް ބަލިމީހުންނަށް ފަރުވާދޭނެ އެންމެ ފެންވަރު ރަނގަޅު އެއް ސިއްހީ މަރުކަޒެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށާއި، ސްކޫލްގެ ޚިދުމަތްތައް ރަނގަޅު ކޮށް، ސުކޫލުގައި އިތުރު އިމާރާތެއް ޤާއިމްކޮށްދީ، ސްކޫލް ދަރިވަރުންނަށް ބޭނުންވާ ތަކެތި ހޯދައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރ. އަތޮޅުގެ ގިނަ ރަށްތަކަށް ޑރ. މުއިއްޒު ވަނީ ޒިޔާތަތްކުރައްވާފައެވެ.