ޚަބަރުސިޔާސީ

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި އަލީ ވަހީދު 2 މަހަށް ޖަލަށް ލާން ހުކުމް ކޮށްފި!

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ޖިންސީ ގޯނާގެ 6 ދައުވާއަކާއި މުވައްޒަފުންތަކެއް ރޭޕް ކުރަން އުޅުނު ކަމުގެ މައްސަލައިގައި އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވީ އިމެއިލް މެދުވެރިކޮށެވެ. އެކަމަކު އޭނާ ކޯޓަށް ހާޒިރެއް ނުވެއެވެ.

އަލީ ވަހީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ހުސްނުއް ސުއޫދަކީ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރެވެ.

އަލީ ވަހީދަށް ސުޕްރިމް ކޯޓަށް ހާޒިރުވާން ކުރި އަމުރާ ހިލާފުވުމުން، އެކަމަށް ފިޔަވަޅެއް ނާޅާ ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބާރުވެރިކަމާއި މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ހުސްނުއް ސުއޫދު ވިދާޅުވިއެވެ.

”އަލީ ވަހީދުގެ ކުރިމަތީ ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ދިވެހިރާއްޖޭގައި ގާނޫނީ ނިޒާމް ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމެއް.“ ސުއޫދު ވިދާޅުވިއެވެ.

މި ހުކުމް ތަންފީޒު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތުގެ މައްޗަށް އަމުރު ކޮށްފައެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މީގެ ކުރިން ނިންމިއެވެ. އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ނިންމީ އެމައްސަލަ ނުބެލޭނެ ކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކަކީ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރައްވަން ކޯޓުން ދިން ހަތަރު މަސް ތެރޭގައި އެނބުރި ވަޑައިނުގަންނަވައި، އަލީ ވަހީދު އެދިވަޑައިގަތީ އޮންލައިންކޮށް އޭނާގެ ޝަރީއަތް ކުރިޔަށް ގެންގޮސް ދިނުމަށެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އެގޮތަށް އަޑުއެހުން ބޭއްވޭނެ ކަމަށް ނިންމާފައެވެ. އެގޮތުން އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވަޑައިގެން އަޑުއެހުމުގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް އޭނާ އަށް ހަމަޖައްސައިދީފައި ވެއެވެ.

ނަމަވެސް، އަލީ ވަހީދު، ހައި ކޮމިޝަނަށް ވަޑައިގެންނެވި ކަމާ މެދު ދައުލަތުން ކޯޓުގައި ސުވާލު އުފެއްދި އެވެ. ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އެކަން ސާފު ނުވުމުން ދައުލަތުން ވަނީ އެކަން ކަށަވަރު ކުރަން ފޮރިން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ.

އޮންލައިން ނޫހެއް ކަމަށްވާ “މިހާރު” އަށް މައުލޫމާތު ދެއްވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެ ސިޓީގެ ޖަވާބު ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށާއި، އަލީ ވަހީދު ހައި ކޮމިޝަނަށް ވަޑައިގެންނެވިކަން ކޯޓުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ 7 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމް އަންނާނެ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button