ރިޕޯޓް

އަތޮޅު ފެރީގެ ހިދުމަތް ދޭ ކުންފުނިތަކަށް ދިން ރަށްތަކަށް މިވީ ކިހިނެއް؟

ފެރީގެ ނިޒާމުން ރަށްތައް ގުޅައިލުމުގެ ސިޔާސަތުގެ ދަށުން އަތޮޅު ފެރީގެ ހިދުމަތްތައް ފެށުނީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ރައީސް ނަޝީދުގެ ސިޔާސަތަކަށްވީ ޕްރޮވިންސް އުސޫލުން ރާއްޖެ 7 ސަރަހައްދަކަށް ބަހާލާށެވެ. އެގޮތުގެ މަތިން ރާއްޖޭގެ ރަށްތައް 7 ޕްރޮވިންސަކަށް ބަހާލައިގެން ފެރީގެ ހިދުމަތް ދޭން އޭރުގެ ސަރުކާރުން ނިންމިއެވެ.

ކުންފުނިތައް ހެދީ ސަރުކާރު ހިއްސާވާގޮތަށް

ފެރީގެ ހިދުމަތް ދިނުމަށްޓަކައި ސަރުކާރާއި ކުންފުނިތަކާ ދެމެދު ހެދި ބައެއް އެއްބަސްވުންތަކުގެ ކޮޕީއެއް ”ބޮންތި“ އަށް ވަނީ ލިބިފައެވެ. އެއްބަސްވުމުގައި ވާގޮތުން ކޮންމެ ކުންފުންޏެއްގައިވެސް ސަރުކާރުގެ 1 ޕަސެންޓު ހިއްސާ އޮވެއެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ރިސޯޓު ހެދުމަށް ކޮންމެ ކުންފުންޏަކަށްވެސް ދޫކުރާ 15 ހެކްޓަރުގެ ބިމުގައި ކުރެވޭ އިންވެސްޓުމެންޓު ސަރުކާރަށް ނޭނގި ނުވަތަ ސަރުކާރުގެ ބާރު ނުހިނގާ ގޮތަކަށް ތިންވަނަ ފަރާތަކަށް ދޫކުރިޔަ ނުދިނުމެވެ.

ޕްރޮވިންސްތަކަށް ކުންފުނިތައް ބަހާލެވިފައިވާ ގޮތާއި އެ ކުންފުނިތަކަށް ދީފައިވާ ރަށްތައް

ހއ، ހދ، ށ ޓްރައިނަސް ސީއޭއީ – މަކުނުދޫ ފަޅުތެރެއިން ރަށެއް

ނ، ރ، ބ، ޅ ދީބާޖާ – ރ.ކުޑަކުރަތު

ކ، އ، ވ  އެމްޓީސީސީ – ވ.ފޮއްތެޔޮ

މ، ފ، ދ ވާމިލިއަން – ދ.ވޮއްމުލި އަދި ދ.ދޫރެސް

ތ، ލ ދޯނި ސާވިސަސް – ލ.ވަޑިނޮޅު އަދި އިތުރު ރަށެއް

ގއ، ގދ ޓްރައިނަސް ސީއޭއީ – ގއ.މާނަގަލާ

ޏ، ސ އެމްވީކޭ – އައްޑޫ ސިޓީ ދޫގަސް

މިކުންފުނިތަކަށް ސަރުކާރުން ހަވާލު ކުރި ރަށްތައް ސަބްލީސް އެގްރިމެންޓެއްގެ ދަށުން ނުވަތަ އެ ކުންފުނިތަކާ ގުޅިގެން ތަރައްގީ ކުރުމަށް ފަންޑު ހޯދާފައިވާއިރު، އެމްޑީޕީގެ ވެރިކަން ބަދަލުވެގެން އައިއިރު އެމްޓީސީސީ ހިމެނޭގޮތަށް ގިނަ ކުންފުނިތަކުން އޮތީ ޓްރާންސްޕޯޓް ނެޓްވޯކް ސަބްސިޑައިޒް ކުރުމަށް ދިން ރަށްތައް އެހެން ބަޔަކަށް ދޫކޮށް އޭގެން މަންފާވެސް ހޯދާފައެވެ. ދެމެހެއްޓެނިވި ގޮތެއްގައި އަތޮޅު ފެރީގެ ހިދުމަތް ދެމުން ދިޔައީ ވާމިލިއަންގެ އިތުރުން އެމްޓީސީސީއެވެ. އެކަމަކު ފޮއްތެޔޮ ބަޔަކަށް ދީގެން އެމްޓީސީސީއިން ވެސް ފައިދާ ނެގިއެވެ.

ރަށްރަށުން ކުންފުނިތަކަށް ދޫކުރަން އެއްބަސްވުމުގައި ބުނާ ބިންތަކެއް ނުލިބޭ

ކުންފުނިތަކާއެކު ސަރުކާރުން ހެދި އެއްބަސްވުމުގައި ވާގޮތުން ކޮންމެ ރަށެއްގެ ބަނދަރު ނުވަތަ ލަފާ ފުރާ ޖެޓީ ކައިރިން ބިމެއް ކުންފުނިތަކަށް ދޫކުރަން ޖެހެއެވެ. އެއީ ފެރީ ޓާމިނަލް ހިމެނޭގޮތަށް ގެސްޓު ހައުސް، ކެފޭ ރެސްޓޯރެންޓް ހިމެނޭ ކޮމްޕްލެކްސް އެއް ތަރައްގީ ކުރުމަށެވެ. އެތަން ހިންގަން ޖެހެނީވެސް ފެރީގެ ހިދުމަތް ދޭ ކުންފުނިތަކުންނެވެ. އަދި ރަށްރަށުގެ އޭރުގެ ކައުންސިލްތަކުން އެކަމަށް ހާއްސަ ބިންތައް ވަކިކުރުމަށްފަހު ކުންފުނިތަކަށް ދިނުމުގެ ހުއްދައަށް އެދި ޕްލޭނިން މިނިސްޓްރީ އަށް ފޮނުވިއެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ނިމުނުއިރުވެސް އެކަމަށް ގޮތެއް ނުނިމެއެވެ.

އެއްބަސްވުމުގައި ވާގޮތަށް ފެރީގެ ހިދުމަތް ނުދެވި އަދި ކުންފުނިތަކަށް ސަރުކާރުން ރަށްރަށުގައި ޓާމިނަލް ކޮމްޕްލެކްސް ހެދުމަށް ދޭން ޖެހޭ ބިންތައްވެސް ނުދެވި އެހެން ކުންފުނިތައް ބަނގުރޫޓުވެގެން ދިޔައީއެވެ. އެކަމަކު ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަން ހަވާލު ކުރި ރަށްތައް ބޭނުން ކޮށްގެން ގިނަ ކުންފުނިތަކުން ހެދި ޑީލްތަކުގެ ވާހަކައަކީ ނުދައްކާ ވާހަކައެވެ.

އެއްބަސްވުން އުވާލި ކުންފުނިތަކަށް ބަދަލު ދޭން ޖެހޭތަ؟

މި ކުންފުނިތަކުގެ ތެރެއިން އެއްބަސްވުމާ ހިލާފްވި ކުންފުނިތަކުގެ އެއްބަސްވުން ކުރީ ސަރުކާރުން އުވާލިއިރު ބަދަލު ދިނުމުގެ މައުޟޫގައި އެންމެ އަޑު ހަރުކޮށް އުޅޭ އެއް ކުންފުންޏަކީ ދީބާޖާއެވެ. އެ ކުންފުންޏަށް ބަދަލު ދިނުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތްއިރު، އެއްބަސްވުން އުވާލި މައިގަނޑު ސަބަބަކީ، އެބަސްވުމުގައި ވާގޮތުގެ މަތިން ކުންފުނިން އަމަލު ނުކުރުމެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އަތޮޅު ފެރީގެ ހިދުމަތް ދެމުން ދިޔަ ކުންފުނިތަކުގެ އެއްބަސްވުން ކުރީ ސަރުކާރުން އުވައެއް ނުލައެވެ. ވާމިލިއަން އަކީ އޭގެ އެއް ކުންފުންޏެވެ.

ވާމިލިއަނުން އަތޮޅު ފެރީގެ ހިދުމަތް ދިނުން ހުއްޓާލީ 2019 ވަނަ އަހަރުގައެވެ. ވާމިލިއަނުން ހިދުމަތް ދިނުން ހުއްޓާލި މައިގަނޑު ސަބަބަކަށް ވީ ފެރީތަކުގެ މެއިންޓެނެސް މަސައްކަތް ބޮޑުވުމާއި، ގެސްޓް ހައުސް، ކެފޭ ރެސްޓޯރެންޓް ހިމެނޭ ކޮމްޕްލެކްސް ތަރައްގީ ކުރުމަށްޓަކައި އެކުންފުނިން ފެރީގެ ހިދުމަތް ދޭ އަތޮޅުތަކުގެ ރަށްތަކުން ދޭން ޖެހޭ ބިން ނުލިބުމާއި، ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރި ދ.ދޫރެސްގައި އެކުންފުނިން ހިންގި އާވީ ރިސޯޓުގެ ހިއްސާ އޮޅުވާލުމެއްގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީ ތެރެއިން ބަދަލުވުން ފަދަ މައްސަލަތަކާ ހެދި ކުންފުނީގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ.

ވާމިލިއަނަށް ދެ ރިސޯޓް ދީފައި ވަނިކޮށް ފެރީގެ ހިދުމަތް ހުއްޓާލި މައްސަލާގައި އަޅާނެ ފިޔަވަޅެއް ބެލުމަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދުނެވެ. އަދި އެޓާނީ ޖެނެރަލް އޮފީހުން ލަފާ ދެއްވިގޮތުގައި ވާމިލިއަނުން ވަނީ އެއްބަސްވުމާ ހިލާފްވެފައެވެ. ޓްރާންސްޕޯޓު ،މިނިސްޓްރީއިން ނިންމީ އެ ދަރުށުގެ ކަންތަކާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާ ކުރުމަށެވެ. އޭގެ ފަހުން އެ މައްސަލައަށް ވީގޮތެއް ނޭނގެއެވެ.

ވާމިލިއަނުން އެއްބަސްވުމާ ހިލާފް ވިކަމަށް އެޓާނީ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވަނީ އަތޮޅު ފެރީގެ ހިދުމަތް ހުއްޓާލި މައްސަލައަށް ރިއާޔަތް ކޮށެވެ. އެއްބަސްވުމަކީ ދެފަރާތަކުން ވަކި ކަންތައްތަކަށް އެއްބަސްވެގެން ހެދޭ އެއްޗަކަށްވާއިރު، އެ އެއްބަސްވުމުގެ ދަށުން ވާމިލިއަނަށް ލިބެންޖެހޭ ހައްގުތަކެއް އޮތީ ހަނިވެފައެވެ. އެހެން ނަމަވެސް ސަރުކާރަށް އެކަމެއް ހިލަމެއް ނުވިއެވެ. އޭގެ ބަދަލުގައި މަތީ ފަންތީގެ ރިސޯޓުތައް ހެދުމަށްފަހު ވިއްކާލި ކުންފުނިތަކާއި، ސަބް ލީސް އުސޫލުން ރަށްތައް އެހެން ފަރާތްތަކަށް ދިން ކުންފުނިތަކާއި، މާލީ ފައިދާ ނެގުމަށްފަހު ރަށްތައް ދޫކުށްލި ކުންފުނިތަކުން ފެރީގެ ހިދުމަތް ހުއްޓާލި މައްސަލައިގައި ސަރުކާރުން ބަހެއް ނުބުނެއެވެ. އޭގެ ބަދަލުގައި ސަރުކާރަށް މުހިންމުވީ އެ ކުންފުނިތަކަށް ބަދަލު ދޭށެވެ.

އަތޮޅު ފެރީގެ ހިދުމަތް ދިނުމުގެ ނަމުގައި ރަށްތައް ހޯދުމަށްފަހުގައި، އެ ރަށްތަކުން ފައިދާ ނެގުމަށްފަހު ފެރީގެ ހިދުމަތް ހުއްޓާލި ހުރިހާ ކުންފުނިތަކުގެ މައްސަލަ އެއް ހަމައަކުން ބަލައިގެން ނޫނީ އަދުލުވެރިގޮތަކަށް އެ މައްސަލަ ނިމިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ދީބާޖާއަށް ވަކި ގޮތެއް، އެމްޓީސީސީއަށް ވަކިގޮތެއް އަދި ވާމިލިއަނަށް ވަކި ގޮތެއް ހެދުމަކީ އިންސާފެއް ނޫނެވެ.

ކުންފުނިތަކަށް ބަދަލު ދިނުމުގެ ކުރިން ފެރީގެ ހިދުމަތް ދޭ މަތިން ހަވާލު ކުރި ރަށްތަކަށް ވީގޮތްވެސް ބަލަންޖެހެއެވެ. ކުންފުނިތަކަށް ރަށްރަށުން ދޭނެ ކަމަށް އެއްބަސްވުމުގައި ބުނާ ބިންތަކަށް ވީގޮތްވެސް ބަލަން ޖެހެއެވެ. އެއްބަސްވުމުގައި ބުނާ ހުރިހާ ކަންތައްތަކަށް ބެލުމާއި، ކުންފުނިތަކުން އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ބަލައިގެން ނޫނީ އިންސާފުވެރިކަމާއެކު މި މައްސަލަ ނިމިދާނެ ހެނެއް ހިއެއް ނުވެއެވެ.

 

 

 

2 Comments

  1. ވާމިލިޔަނުން ވޮއްމުލި ދީފައޮތީ މެރިޔޮޓުގެ މަތީފަންތީގެ ބުރޭންޑެއް ކަމަށްވާ ސެއިންޓު ރީޖެސް އަށް.. ފެެރީހުއްޓާނަމަ މިރިސޯޓުވެސް ހުއްޓެންޖެހޭ.. މީ އިންސާފަކަށްވާނީ… ދެން ނުހިންގާނެ ކޮންސެޕުޓަކަށް ތަރަށްގީކޮސްފަ އޮތް އާވީ ނޭޗާ ކިޔާ ދޫރެސް އަކަށް އިނވެސްޓު ނުކޮށް ފެރީ ހިންގަން އެލާރި ބޭނުންކުރިނަމަ ދޯ..

Leave a Reply

Your email address will not be published. Required fields are marked *

Back to top button