
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
މި އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 11:00 ގައެވެ.
އަލީ ވަހީދުގެ މައްޗަށް ޖުމްލަ 7 ދައުވާއެއް އުފުލާފައިވެއެވެ. އެއީ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައި، ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވިގޮތުގައި އޭނާގެ މައްޗަށް ކުރަނީ އަސްލެއް ނެތް ދައުވާ ތަކެކެވެ. އޭނާ ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ. އަދި އެއީ ސިޔާސީ ކުޅިގަނޑެއްގެ ގޮތުގައި އޭނާ އެކަން ސިފަކުރެއްވިއެވެ.
ނޫސްވެެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވިގޮތުގައި ކަޅު ދަބަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 35 މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ އުފުއްލެވި އެވެ.
އަލީ ވަހީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ސަފުގައި މަސައްކަތްކުރެއްވި ފަސް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ރެހެންދި ފުލެޓަށް ވަޑައިގެން ދަބަހެއްގައި ހިޔާނާތުގެ ފައިސާ އުފުލިކަމަށް ވިދާޅުވުމާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ތެރޭގައިވެސް އެމްއެމްޕީއާރުސީ ފައިސާގައި ޖެހިވަޑައިނުގަންނަވާ ބޭފުޅުން ތިއްބެވި ކަމަށެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ނަން ފާހަގަކުރެއްވިއެވެ.
.