ޔޯގާ ހުއްޓުވި މައްސަލައާ ގުޅުން ހުރި ފޮޓޯ އާއި ވީޑިއޯ ފޮނުވުމަށް ފުލުހުން އެދިއްޖެ

ޔޯގާ ހުއްޓުވި މައްސަލައާ ގުޅުން ހުރި ފޮޓޯ އާއި ވީޑިއޯ ފޮނުވުމަށް ފުލުހުން އެދިއްޖެ އެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާ އަދި ދިވެހި ސަރުކާރު ގުޅިގެން އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ސެޝަންގެ ތެރެއަށް ބަޔަކު ވަދެ އެ ހަރަކާތް ހުއްޓުވުމުގެ ތެރޭގައި އެތަނުގައި ތިބި އިންޑިއާގެ ޑިޕްލޮމެޓުންނާއި ސަރުކާރުގެ އިސްވެރިންނަށް ހަމަލާދޭން މަސައްކަތް ކޮށް، ބިރު ދައްކާފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގައި 6 މީހަކު ހައްހަރު ކޮށްފައިވާއިރު، ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ފުލުހުން ވަނީ ގާއިމް ކޮށްފައެވެ.
މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ އާއި އިދިކޮޅު ޕީޕީއެމާ ގުޅުވަން ފުލުހުން މަސައްކަތް ކޮށްފައިވާއިރު، މި ހަރަކާތުގައި ބޭނުން ކުރި ދިދަ އާއި ސައުންޑު ފޯރުކޮށްދިނީ ޕީޕީއެމުންނެވެ. އެކަމަކ އެ ހަރަކާތުގައި ބައިވެރި ނުވާކަމަށާއި އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ޔޯގާ އަކީ ޝިރުކުގެ އަމަލެއް ކަމަށް ގިނަ އިލްމުވެރިން އިއްތިފާގުވާއިރު، ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރަން ފެށީ ކުރީ ސަރުކާރުން ކަމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ވިދާޅުވެފައެވެ.