ޚަބަރު

މާލިއްޔަތު ގާނޫނުގެ އިސްލާހަށް ރައީސް ނަޝީދުގެ ފެކްޝަންގެ ނުރުހުން

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާލިއްޔަތު ގާނޫނަށް ހުށައަޅާފައިވާ އިސްލާހާއިމެދު، މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ މެންބަރުން ނުރުހުން ފާޅުކުރައްވައިފިއެވެ.

އެގޮތުން މި ބިލަށް ބަހުސް ކުރައްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދުވަނީ، ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތް ގޮތަށް ކުރިއަށްދާނެކަން ރައީސް ސާލިޙްގެ ފެކްޝަނަށް އެނގެނީ ކިހިނެތްތޯ ސުވާލުކުރައްވާފައެވެ. އަދި ދުނިޔޭ މަޝްރަހަށް އަންނަ ބަދަލުތަކާއެކު ހަމަ ޔަގީނުންވެސް އެކަމުގެ އަސަރު ކުރާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

މެންބަރު ރަޝީދު އިތުރަށް ވިދާޅުވީ، ފިނި ކޮޓަރީގައި ތިއްބަވާ ބޭފުޅުން ރާއްޖޭގެ އިގްތިސާދޭ ބުނި ކަމުގައިވިޔަސް، އިގްތިސާދީ ކަންކަމުގައި އަމަލީ ގޮތުން މަސައްކަތްކުރަނީ ދިވެހި ރައްޔިތުންނެވެ. އެހެންކަމުން ކާޑާއި، ތެލާއި، ބޭސް ގަންނާނެ ފައިސާ ހުންނާނެކަން ރައްޔިތުންނަށް ކަށަވަރުވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިބިލަށް ބަހުސްކުރައްވަމުން ހުޅުދާ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، ބިލުގައި ފާހަގަކޮށްފައިވާ ބައެއް އިސްލާހުތަކަކީ އެއްވެސް ޒިންމާދާރުކަމެއް ނެތި ސިޔާސީ މަންފާއަށް ހުށައަޅާފައިވާ އިސްލާހުތަކެއް ކަމަށެވެ. އަދި މި އިސްލާހުގެ ދަށުން އުފެދޭ އިންޓަރނަލް އޯޑިޓް ކޮމިޓީއަކީ ސަރުކާރުގެ ބައެއް އިދަަރާތަކުގެ މަސްއޫލިއްޔަތާ ފުށޫއަރައި، އަދި މަސްއޫލިއްޔަތުން ރެކެވޭފަދަ ގޮތަކަށް ބައްޓަންކޮށް ހުށައަޅާފައިވާ ކޮމިޓީއެއް ކަމަށެވެ.

މިބިލާއި ގުޅިގެން ރައްޔިތުންގެ މަޖްލީހުގެ އެމްޑީޕީ މެންބަރުންގެ ތެރެއިން ރައީސް ސާލިޙް ފެކްޝަނާއި، ރައީސް ނަޝީދުގެ ފެކްޝަންގެ މެދުގައިވަނީ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައެވެ. އަދި ފާހަގަކޮށްލެވޭ ގޮތުގައި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްލެވި، މަޖްލީހުގެ ރައީސް މުހަންމަދު ނަޝީދު ވަނީ އެމަނިކުފާނުގެ ފެކްޝަންގެ މެންބަރުނަށް ބަހުސް ކުރެއްވުމަށް ހަމަޖެހިފައިވާ އުސޫލުން ބޭރުން އިތުރަށް ވަގުތު ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button