ޚަބަރު

އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީ ނެގީ ނޫމަޑިއަށް ދިން 40 މިލިއަން ރުފިޔާއިން: ޖާބިރު

19 ވަނަ ރައްޔިތުންގެ މަޖްލީހުގެ މެޖޯރިޓީ އެމްޑީޕީން ހޯދީ ނޫމަޑިއަށް ސަރުކާރުން ދިން 40 މިލިއަން ރުފިޔާއިން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި، މާލިއްޔަތުގެ ގާނޫނަށް ހުށައެޅުނު އިސްލާހަށް ބަހުސްކުރައްވަމުންނެވެ.

ޖާބިރު ވިދާޅުވީ ދައުލަތު ފައިސާ މޮނިޓަރކޮށް ބެލެހެއްޓޭނެ އިތުރު ނިޒާމު ގާއިމް ކުރަންޖެހޭ ކަމަށާއި، ސަރުކާރުން ހިތުހުރިހާ ބަޔަކަށް ގެރެންޓީދީ، ވަކި ބަޔަކަށް ފައިދާވާގޮތަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެމްޑީޕީ ސަރުކާރުން ނޫމަޑިއަށްވެސް ފައިސާ ދިނީ މިބީދައިން ކަމަށާއި، އެމްޑީޕީއިން މަޖްލީހުގެ މެޖޯރިޓީ ހޯދީ އެފައިސާ ހަރަދުކޮށްގެން ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި މި ފައިސާ އެކުންފުންޏަށް ދެވުނީ ކީއްވެތޯ ސުވާލުކުރެއްވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މި މައްސަލަ ވަރަށް ގާތުން ބަލަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން މިލިއަން މިލިއަނުން ކުންފުނިތަކަށާއި، ބައެއް ފަރާތްތަކަށް ދައުލަތުގެ މާލިއްޔާ ބަހާލާފައިވާކަމަށެވެ.

ޖާބިތު ވިދާޅުވީ މިއަދު އޮންނަ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި ފިނޭންސް މިނިސްޓަރ އަމީރު އާއި މި ސުވާލު ކޮށް، ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

ނޫމަޑިއަށް ދިނީ 40 މިލިއަން ޑޮލަރުކަމަށް ޖާބިރު ވިދާޅުވިއިރު، އެ ކުންފުންޏަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން ދިން ބަދަލުގެ އަގު 50 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެއެވެ. ސަބަބަކީ ސިފައިންގެ ފްލެޓް ހަދަން އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާ ދައްކާފައި ނުވާތީއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button