ޝިފާ ބުނީ އެއީ ތިމަންނައެއް ނޫނޯ، ޑީޕް ފޭކް އެޑިޓެކޯ!
ޓިކްޓޮކް ތަރި މަރިޔަމް ޝިފާ އެއްޖިއްސުން ގުޅުން ހިންގާ ވީޑިއޯއެއް މީސްމީޑިއާގައި ލީކުކޮށްލި މައްސަލައިގައި އެއީ އެޑިޓްކޮށްފައިވާ އެއްޗެއް ކަމަށް އޭނާ ބުނެފިއެވެ.
މިކަމާ ގުޅިގެން ޝިފާ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ އެ ވީޑިއޯއަކީ އޭނާގެ އަގު ވައްޓާލަން ދުރާލާ ރާވައިގެން ހެދި އެއްޗެއް ކަމުގައެވެ. އަދި އޭނާގެ ސިޔާސީ ފިކުރު ބަދަލުވެފައިވާތީ ޒާތީކަމެއް ކަމުގައިވެސް ޝިފާ އެކަން ފާހަގަކުރިއެވެ.
”ސޯޝަލް މީޑިއާގައި ދައުރުވަނީ ޑީޕް ފޭކް އެޑިޓް ވީޑިއޯއެއް.“ ޝިފާ
ނޫސްތަކުގައިވެސް ފެތުރީ ދޮގު ހަބަރެއް ކަމަށާއި އޭނާ އާއި މެދު އެގޮތަށް ކަންތައް ކުރަނީ އަންހެނަކަށް ވުމުން ކަމުގައި ޝިފާ ބުންޏެވެ.
މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި އިތުރު އަންހެނަކާ އެއްކޮށް ޝިފާ ފާޙިޝް އަމަލުތަކެއް ކުރާތަން ފެނެއެވެ. އެކަމަކު އޭނާ ބުނަނީ އެއީ އޭނާ ނޫން ކަމުގައެވެ.
އެމްއެންޕީއަށް ސޮއިކޮށްފައިވާ ޝިފާގެ މައްސަލަ އެ ޕާޓީ އިން ބަލަމުންދާ ކަމަށް ބުނެފައިވާއިރު ފުލުހުންވެސް އެ މައްސަލަ ބަލާކަމަށް ”ވަގުތު“ ނޫހުން މިއަދު ރިޕޯޓު ކުރިއެވެ. އެކަމަކު ”ބޮންތި“ އިން ގުޅާލުމުން އެކަން ބަލުމަށްފަހު އަންގާނެ ކަމަށް ބުނުމަށްފަހު ފުލުހުން ފަހުން ޖަވާބެއް ނުދެއެވެ.