ޚަބަރުސިޔާސީ

އިންޑިއާ އައުޓު ދިދަތަކުން ނިލަންދޫ ޖަރީކޮށްފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް ޝުއޫރުފާޅުކުރުމުގެ ގޮތުން އިންޑިއާ އައުޓު ދިދަތަކުން ފ.ނިލަންދޫ ޖަރީކޮށްފިއެވެ.

އެގޮތުން ނިލަންދޫގެ ގިނަ އަދަދެއްގެ ގެތަކުގައި އިންޑިއާ އައުޓު ދިދަ ނަގާފައިވާއިރު، ބައެއް އަމިއްލަ ފަރާތްތަކުގެ ވިޔަފާރި އިމާރާތްކުގައިވެސް ވަނީ ދިދަނަގާފައެވެ. ހަމަ އެހެންމެ އެރަށުގެ ހުސްބިންތަކާއި އެހެނިހެން ހިސާބުތައްވެސް ވަނީ އިންޑިއާ އައުޓު ދިދަތަކުން ޒީނަތްތެރިކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ދަނީ ”އިންޑިއާ އައުޓް“ ޝިއާރު ރަމްޒުކޮށްދޭ ދިދަޔާއި، ބެނާ އަދި އެހެނިހެން ތަކެތި ފުލުހުން މެދުވެރިކޮށް ނަގަމުންނެވެ. އެގޮތުން ދާދިފަހުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅުގައި ނެގި ބޮޑު ބެނާވެސް ވަނީ ފުލުހުން މެދުވެރިކޮށް ނަގާފައެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ވެއްދުމުން، އެކޯޓުން ވަނީ ރައީސް ޔަމީންގެ ގެކޮޅުގައި ހަރުކޮށްފައިހުރި ބެނާ ނެގުމަށް ފުލުހުން ވަދެފައިވަނީ ގާނުނާ ޙިލާފަށް ކަމަށް ޙުކުމް ކޮށްފައެވެ. މީގެ އިތުރުން ނ.ވެލިދޫގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ޕޯސްޓަރު ތަކެއްވެސް ވަނީ ދާދިފަހުން ނަގާފައެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީނުގެ އިސްނެނެގެވުމުގެ މަތިން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާއިން ދިވެހިރާއްޖޭގެ މައްޗަށް ފޯރުވަމުންދާ ނުފޫޒާ ދެކުޅަށް ހިންގަމުންދާ ހަރަކާތެކެވެ. މި ހަރަކާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ސަރުކާރުން މިހާތަނަށް މި ހަރަކާތް ހުއްޓުވުމަށް ކޮށްފައިވާ އެއްވެސް މަސައްކަތެއް ކާމިޔާބުވެފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button