ޚަބަރުސިޔާސީ

ރައްޔިތުންގެ އަތުން ކޮންމެ ކޮތަކަޅަކަށް 2 ރުފިޔާ ނަގަން މަޖުބޫރުކުރާ ބިލް ރައީސް ސޯލިހް ތަސްދީގު ކުރައްވައިފި

ފިހާރަތަކުން ތަކެތި ގަންނަ އިރު ދޫކުރާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގުމަށް މަޖުބޫރުކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުނި މެނޭޖް ކުރުމުގެ ބިލް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ. 

މި ބިލަކީ، 2022 ނޮވެމްބަރު 28 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މިޤާނޫނުން ޙާސިލްކުރަން ބޭނުންވާ މުހިއްމު ބައެއް މަޤުޞަދުތަކުގެ ތެރޭގައި، ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި ޢާންމު ޞިއްޙަތަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ބާރުއެޅުމާއި، ކުނި އުފެއްދުން ހުއްޓުވުމަށް ބާރު އެޅުމާއި، އުފައްދާ މިންވަރު މަދުކުރުމާއި، އަލުން ބޭނުންކުރުމާއި، ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިޢާދަކުރުމަށް ބާރުއެޅުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ނިޒާމުތަކަށް ޤަޞްދުގައިދޭ ގެއްލުމުގެ ސަބަބުން ނުވަތަ ކުނި މެނޭޖުކުރުމުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުންވެސް މިޤާނޫނުގެ މަޤުޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މިޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ކުނިމެނޭޖު ކުރުމުގެ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ. މީގެ އިތުރުން މިޤާނޫނު ތަސްދީޤު ކުރައްވައި ގެޒެޓްކުރައްވާ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި، ކުނިމަދުކުރުމުގެ ސްޓްރެޓަޖީއެއް މިނިސްޓަރ ކަނޑައަޅުއްވައި އާއްމު ކުރަންޖެހޭނެ ކަމަށާއި އަދި ކުނިމެނޭޖު ކުރުމުގެ ޤައުމީ މާސްޓަރ ޕްލޭންވެސް 12 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަން ޖެހޭނެ ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުުރުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބާވަތްތައް މަދު ކުރުމާއި، ވިޔަފާރީގެ މުއާމަލާތްތަކުގެ ބޭނުން ކުރާ ޕްލާސްޓިކްކޮތަޅުން ފީ ނެގުމާއި، އަދި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ކުރާ ފަރާތްތައް ޖޫރިމަނާކުރުމުގައި އަމަލުކުރާނެ ގޮތާއި، ޖޫރިމަނާގެ މިންވަރުވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އިދާރީ ފިޔަވަޅުތައް ބަޔާންކޮށް، ޖިނާޢީ ދަޢުވާކުރެވޭނެ ކަމަށް ކަނޑައަޅައި ކުށުގެ އަދަބުތައްވެސް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button