މުސާރަ ނުދޭ މައްސަލާގައި އެފްކޮންސްގެ އިންޑިއާ މުވައްޒަފުންގެ މުޒާހަރާއާއެކު ބުރިޖު ސައިޓުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފި
އިއްޔެ ހެނދުނުން ފެށިގެން ގުޅީފަޅުގައި ތިބި އެފްކޮންސްގެ މުވައްޒަފުންތައް މަސައްކަތް ހުއްޓާލުމަށްފަހު މުޒާހަރާ ކުރާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެ މަސައްކަތްތެރިން ތިބޭ ސައިޓުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ގެއްލިފައިވާކަމަށް އެމީހުން ބުނާއިރު، މުޒާހަރާ ކުރުމުގެ ސަބަބަތުތަކުގެ ތެރޭގައި އެމީހުންގެ މުސާރަވެސް ނުދޭކަމަށްބުނެ އަޑުއުފުލާފައިވެއެވެ.
800 ވަރަކަށް މުވައްޒަފުން، އެ ސައިޓުގައި މަސައްކަތްކުރާއިރު އެތަނުން ގިނަ މީހުންވަނީ އެ މުޒާހަރާގައި ބައިވެރިވެފައެވެ. އެ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެމީހުންގެ އަންނައުނު ފަދަ ޒަރޫރީ އެއްޗެހި ހަލާކުވެ ނެތިގެން ގޮސްފައިވާކަމަށާއި، އެމީހުންގެ ތެރޭގައި އުޅުނު ޓްރަކް ދުއްވާ ޑްރައިވަރެއް އަލިފާނުގެ ހާދިސާގައި ގެއްލިފައިވާއިރު، އެމްއެންޑީއެފްއިން ބުނެފައިވަނީ މީހެއްގެ ހަށިގަނޑެއް އެ ސައިޓު ރޯވި ތަނުގައި ފެންނަން ނެތްކަމަށާއި އަދިވެސް އިތުރަށް އެ ސަރަހައްދު ބަލަމުންދާކަމަށެވެ.
އެފްކޮންސްގެ މުވައްޒަފުން މަސައްކަތްކުރި ސައިޓުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސައިޓުގައި މަސައްކަތްކުރި ބައެއް މީހުން ވަނީ ހާދިސާއިން ސަލާމަތްވުމަށް ދެބުރީގެ އިމާރާތުން ފުންމާލައިފައެވެ. އެމީހުންގެ އަތްފައި ތަންތަން ބިނދި އެތައް އަނިޔާއެއް ލިބިފައިވާއިރު، ފިތިގެންވެސް ބައެއް މީހުންނަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާ ލިބި ޖުމްލަ 76 މީހުންނަށް ފަރުވާވެސް ދީފައިވެއެވެ.