ޚަބަރު

އެންމެފަހުން ތިލަމާލެ ބްރިޖްގެ މަސައްކަތް ލަސްކަމަށް ސަރުކާރުން ޤަބޫލުކޮށްފި

މި ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ވިލިމާލެ، ތިލަފުށި، ގުޅިފަޅު އަދި މާލެ ގުޅައިލާ (ތިލަމާލެ) ބްރިޖުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ނުދާކަމަށާއި، އަދި ބްރިޖްގެ މަސައްކަތުގައި ލަސްތަކެއް އުޅޭކަމަށް ސަރުކާރުން އެއްބަސްވެއްޖެ އެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާއެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރު އެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގަ އެވެ.

މިސަރުކާރުގެ އެންމެ ބިޔަބޮޑު މަޝްރޫޢުގެ ގޮތުގައި ކުރިއަށްދާ ތިލަމާލެ ބްރިޖްގެ މަސައްކަތް ނިންމަން މިސަރުކާރުން ތާރީޚަކަށްފަހު ތާރީޚެއް ދެމުން އައިސް އެންމެފަހުން ބްރިޖް ނިންމަން ބުނި ތާރީޚްގައި ނުނިންމޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން މިވަނީ ނުސީދާގޮތެއްގައި ދީފައެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައި އޮތީ އެންމެ ފުރަތަމަ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު ގުޅާލާ ގޮތަށެވެ. އެއަށްފަހު މި އަހަރު ނިމޭއިރު މާލެ އިން ގުޅީފަޅަށް ގުޅާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ. އަދި އެއަށްފަހު މެއި 2024 އަށް ބްރިޖު ތިލަފުއްޓަށް ގުޅާލާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ސަރުކާރުން މީގެ ކުރިން ތަކުރާރުކޮށް ބުނަމުން އައީ ބްރިޖުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ފެބްރުއަރީ 6 ވަނަ ދުވަހު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ވަރަށް ޔަޤީން ކަމާއިއެކު ވިދާޅުވީ ”ތިލަމާލެ ބްރިޖް“ ގެ މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، ނިންމަން ވިދާޅުވި ތާރީޚަށް އެ މަސައްކަތް ނިމޭނެކަމަށެވެ.

އެހެންނަމަވެސް މި މަޝްރޫޢު އާއި ގުޅިގެން މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)، ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް އާއި ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ ބްރިޖުގެ މަސައްކަތުގައި ލަސްތަކެއް އުޅޭކަމަށް އޭނާވެސް ޤަބޫލުފުޅު ކުރައްވާ ކަމަށާއި އެ މަސައްކަތް އަންނަންވާ ހިސާބަށް އައިސްފައިނުވާ ކަމަށެވެ.

ހައުސިންގް މިނިސްޓަރ އަސްލަމް މަޖްލީހުގައި ވާހަކަފުޅު ދައްކަވަނީ

”ބްރިޖުގެ މަސައްކަތުގެ ކޮންޓްރެކްޓް ހަމަ މިހާރުވެސް އިން މުއްދަތުގެ ތެރޭގައި، އިތުރު ޓައިމް އެކްސްޓެންޝަނެއް އަޅުގަނޑުމެން ނުދެން. ކޮންޓްރެކްޓާގެ މަސައްކަތުގެ ޝެޑިއުލަށް ބަލާފަ އެބަހުރި ޑިލޭސް. މިހާތަނަށް އަންނަންވާ ހިސާބަކަށް ނޫން އައިސް ހުރީކީއެއް،“ އަސްލަމް ވިދާޅުވި އެވެ.

ތިލަމާލެ ބުރިޖު ހެދުމަށް އެފްކޯންސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިލިމާލޭގެ ފަރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. އަދި އެ މަސައްކަތްކުރަން ބޭނުންކުރާ ޕްލެޓުފޯމު ވިލިމާލޭ ފަރަށް އުރި ލިބުނު ގެއްލުމާ ގުޅިގެން އެ ކުންފުނިން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް ދެކޮޅުހަދައި، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނިންމުން އެފްކޮންސް އިންވަނީ އިސްތިއުނާފުވެސް ކޮށްފައެވެ. އެފަހުންވެސް ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތަށް އެފްކޮންސް ކުންފުނިން ބޭނުންކުރަމުން އައި ކެރޭނެއް ކަނޑަށް ވެއްޓުމާއި ގުޅިގެން އެކަމަށްބެސް އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ.

މީގެ އިތުރުން ދޭތެރެއަކުން މުސާރަ ނުދޭކަމަށް ބުނެ އެފްކޮންސްގެ މުވައްޒަފުން މުޒާހަރާ ކޮށްފައިވާއިރު، ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖު ހަދާ ސައިޓުގައި އަލިފާން ރޯވެ މުޒާހަރާކޮށް މަސައްކަތް މެދު ކެނޑުންފަދަ ކަންކަން ވަނީ ހިނގާފައެވެ. އެހެންނަމަވެސް ސަރުކާރުގެ ފަރާތުން މިނިސްޓަރު އަސްލަމް އޭރު ވިދާޅުވަމުން ގެންދިޔައީ ބްރިޖުގެ ކޮލިޓީއާ ގުޅޭގޮތުން ވާހަކަދައްކަނީ ހެކި ނެތި ކަމަށާއި، ބްރިޖްގެ މަސައްކަތާއިމެދު އެއްވެސް ބަޔަކު ޝަކުވާކުރާކަން އެނގިވަޑައި ނުގަންނަވާކަމަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ތިލަމާލެ ބްރިޖް މަޝްރޫޢު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ މީގެ ކުރިން ކަނޑު ހުރަސްކޮށް ބްރިޖެއް އެޅި ކުންފުންޏެއް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button