ޚަބަރުދުނިޔެ

އިމްރާން ޚާން ހައްޔަރުކުރުމުން ޕާކިސްތާނުގައި މުޒާހަރާކުރަނީ

ކޮރަޕްޝަންގެ މައްސަލައެއްގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމުން އެމަނިކްފާނަށް ތާޢީދުކުރައްވާ ފަރާތްތަކުން ނުކުމެ ޕާކިސްތާނުގެ ބައެއް ސިޓީތަކުގައި މުޒާހަރާކުރަން ފަށައިފިއެވެ.
މި ހިނގި މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގެ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައި ކަމަށާއި، އެގޮތުން މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފެންބަޑި އާއި ކަރުނަ ގޭސް ޖަހާފައިވާކަމަށް ޕާކިސްތާންގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
އިމްރާން ޚާން ހައްޔަރުކުރުމާއި ދެކޮޅަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު، ކަރާޗީ، ލާހޯރު، ޕިޝާވަރު އަދި އެހެނިހެން ސިޓީތަކުގައި އިމްރާންގެ އެތައް ހާސް ސަޕޯޓަރުން ވަނީ އަންގާރަ ދުވަހު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިމްރާން ހައްޔަރުކުރުމާ އެކު އިސްލާމްއާބާދުގައި އަންނަނީ ”ނާޒުކު ހާލަތެއް“ އުފެދެމުން ނެވެ.

އިމްރާން ޚާން ހައްޔަރުކުރި ކަމުގެ ޚަބަރުތައް މުޅި ޤައުމުގައި ފެތުރެން ފެށުމުން މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާ ކަމަށާއި، މުޒާހަރާގެ ބައިވެރިން ހައްޔަރުކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިމްރާންގެ ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑަށް ރުޅިވެރިކަން އުފެދިފައިވާކަމަށާއި ޕާކިސްތާނުގެ ޙާލަތު ދަނީ ގޯސްވަމުން ކަމަށް އަލް ޖަޒީރާއިން ބުނެއެވެ.

މުޒާހަރާކުރާނެ ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ލަފާކޮށްފައިވާ ކަމަށާއި އެ މުޒާހަރާތަކުގައި ބައިވެރިނުވުމަށް އާންމުންނަށް އިންޒާރު ދީފައިވާ ކަމަށްވެސް އަލް ޖަޒީރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ލާހޯރުގައި ހުންނަ އަސްކަރިއްޔާގެ ކޮމާންޑަރުން ދިރިއުޅުއްވާ ގެއާއި ރާވަލްޕިންޑީގައި ހުންނަ އަސްކަރިއްޔާގެ ހެޑްކުއާޓާސްގެ ކޮމްޕައުންޑްތަކަށް ވަދެފައި ކަމަށް ޕާކިސްތާނުގެ ބައެއް މީޑިއާ ރިޕޯޓްތަކާ ހަވާލާދީ އޭއެންއައި އިން ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރީ ޤާނޫނީ އިމުގެތެރެއިން ކަމަށް އިސްލާމްއާބާދު ހައި ކޯޓުން ވަނީ ނިންމައިފައެވެ. ކޯޓުން މިގޮތަށް ނިންމީ އިމްރާން ހައްޔަރުކުރުމަކީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އިމްރާން ޚާން ހައްޔަރުކޮށްފައި މިވަނީ އަލްޤާދިރު ޓްރަސްޓް މައްސަލާގައި ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) އިން ނެރުނު އަމުރަކާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button