
އިދިކޮޅު ލީޑަރ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މާލޭގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓް އާއިޝަތު ނުހާ އިބްރާހިމް ފުލުހެއްގެ ގައިގައި ދަތްއެޅިކަމަށް ތުހުމަތުކޮށް ބަންދުކޮށްފިއެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ރޭ އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ނުހާ ހައްޔަރުކޮށް އޭނާ ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ނުހާ ގެންދަން މަސައްކަތް ކުރުމުން، ފުލުސް މީހާގެ އަތުގައި އޭނާ ދަތް އަޅާފައިވާކަމަށް ދެ ފުލުހަކު ބަޔާން ދީފައިވާ ކަމަށެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް ހައްޔަރު ކޮށްފައިވާ މީހަކަށް ވުމުން އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ނުހާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.