ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މި މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާ އެޖެންޑާކޮށްފައިވާ އިރު، އެޖެންޑާގައި އޮތް ހަމައެކަނި މައްސަލައަކީ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދުގައި ގޮތެއް ނިންމުމެވެ.
މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއި ކުރައްވައި މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް ބަހުސްގެ ވަގުތު އާންމު ކޮމިޓީން ކަނޑައަޅާފައި ނުވި ނަމަވެސް، އީވާގެ މައްސަލައިގެ ދިން 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ، އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރެވޭނެ ކަމަށެވެ.
އީވާ ވަކި ކުރަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމުމަށްފަހު، އެމައްސަލަ މަޖިލީހުގެ 50 މެންބަރުން ސޮޔާއެކު ހުށަހެޅި ޤަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް އިއްޔެއަށް ވަނީ ހަމަ ވެފައެވެ. އަދި އެ މައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ނުވާތީ އެމްޑީޕީ މެންބަރުން ވަނީ މަޖިލީހުގައި އަޑުގަދަކޮށް މަޖިލިސް ކުރިއަށްގެންދިޔަ ނުދީ ހުއްޓުވާފައެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެމްޑީޕީ މެމްބަރުން ހުއްޓުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހު އަންގަވައިގެން ކަމަށާއި، އެއީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ލިބޭ ފުރުސަތުތައް މަޖިލިސް ތެރެއިން ހުއްޓުވުމާއި، އިންތިޚާބު ތަކަށް ސަރުކާރުން ނާޖާއިޒު ފައިދާ ނަގަމުންދާ ދިޔުމާއި ދެކޮޅަށް ވާހަކަދެއްކުން ހުއްޓުވަން ކަމުގައި އާޒިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީގެ ޕީޖީއިން ތައްޔާރުވަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްވެސް އެމްޑީޕީގެ ޕީޖީއިން ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ މައްސަލަ ތާވަލުކުރެވިފައިނުވެއެވެ.