ރައީސް ޔާމިނާއި ހަވާލާދީ ދެއްކި ވާހަކަތައް އަދީބު ބުނީތީ ޤަބޫލުކުރީ، ޔަޤީނެއް ނުކުރަން: ޒިޔަތު

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުالله ޒިޔަތުގެ ހެކިބަސް ނަގައިފިއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ޒިޔަތު ބުނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތު ހިންގާފައިވަނީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ސީދާ އެންގެވުމުގެ މަތިންކަމަށެވެ.
އެގޮތުން ކްރިކް ރިޒާއާ ބައްދަލުކޮށް އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ފުއްގިރި ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިރުޝާދާއި އެއްގޮތަށް ކަމަށް ޒިޔަތު ބުނެފައިވެއެވެ.
ހެކިބަސް ދެމުން ދައުލަތުން ކުރި ސުވާލަށް ޖަވާބުދެމުން އަދީބާއި ހަވާލާދީ ޒިޔަތު ބުނީ ރިޒާއަށް ލިބޭ ޕޭމަންޓެއް ލަސްވެގެން އަދި އެ ޕޭމަންޓްގެ ތެރޭގައި ރައީސް ޔާމީނަށް ލިބޭ ކޮމިޝަނެއް ވެސް ހިމެނޭތީ ކްރިކް ރިޒާ އެދިގެން ފުއްގިރި އެއްބަސްވުމުގައި ސޮއިކުރުން ވެސް ފަސްކުރި ކަމަށެވެ. އަދި އެ ޕޭމަންޓު އަވަސްކޮށްދިނުމަށް އެދި ރައީސް ޔާމީން މެސެޖެއް ވެސް ކުރެއްވިކަމަށް ޒިޔަތު ކޯޓުގައި ބުނެފައި ވެއެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުންނަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި، ރައީސް ޔާމިން ވަނީ ޒިޔަތާއި މުހިންމު ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ.
އެންމެ ފުރަތަމަ އެމަނިކުފާނު އެއްސެވީ އަދީބާއި ޒިޔަތާއި އޮތް ގާތްކަމާއި ގުޅޭ ސުވާލެކެވެ. އަދި ސިޔާސީ މައިދާނުގައި ޒިޔަތުގެ މެންޓޯ އަކީ ކޮބައިތޯ އެމަނިކުފާނު އެއްސެވި އެވެ.
އެ ސުވާލަށް ޖަވާބުދެމުން ޒިޔަތު ބުނީ އޭނާ އާއި އަދީބަކީ ސުކޫލު ދައުރުއްސުރެ ގާތް ދެ ރަހުމަތްތެރިން ކަމަށެވެ. އޭގެ އިތުރުން ސިޔާސީ މައިދާނުގައި ޒިޔަތު މެންޓޯއެއްގެ ގޮތުގައި ވެސް ބަލަނީ އަދީބަށްކަމަށް އޭނާ ބުނެފައިވެއެވެ.
ރައީސް ޔާމިން ވަކިގޮތަކަށް ކަމެއް ކުރައްވަން އަންގަވައިފިކަމަށް އަދީބު ޒިޔަތުގެ ގާތުގައި ބުނާ ވާހަކަތައް އޭނާ ޔަޤީންކުރައްވަންތޯ، ނުވަތަ އަދީބު ވިދާޅުވާ ވާހަކަތަކުގެ ޙަޤީޤަތް ބައްލަވަން އެއްވެސް ކަމެއް ކުރައްވަންތޯ ރައީސް ޔާމީން ޒިޔަތާއި ސުވާލުކުރެއްވި އެވެ.
ޖަވާބުގައި ޒިޔަތު ވިދާޅުވީ އަދީބާ ދެމެދު އެކުވެރި ގުޅުމެއް އޮތްތާ މިހާރު ގާތްގަނޑަކަށް 20 އަހަރު ދުވަސްވެއްޖެ ކަމަށާއި, ދުވަހަކު ވެސް އަދީބު ހިއްސާކުރައްވާ ވާހަކަތައް އިތުރަށް ޔަޤީން ކުރައްވަން ކަމެއް ނުކުރައްވާއިރު، ރައީސް ޔާމީން އާއި ހަވާލާދީ އަދީބު ދައްކަވާ ވާހަކަ ވެސް ޔަޤީން ނުކުރައްވާ ކަމަށެވެ.
އެމްއެމްޕީއާރުސީންނެއް ނޫން އިިންވެސްޓަރާ ވާހަކަ ދައްކަމުން ވެސް އައީއެއް، މިނިސްޓްރީގެ ފަރާތުން ބަޔަކަށް ޕްރޮޕޯޒްކުރީ، މިނިސްޓަރު އަދީބު އެންގެވީ މިއީ ރައީސް ޔާމީން ގެ އިންވޯލްވްމަންޓް އޮތް ކަމެކޭ، އަދީބާ ދެމެދު އެކުވެރި ގުޅުމެއް އޮތްތާ މިހާރު ގާތްގަނޑަކަށް 20 އަހަރު ދުވަސްވެއްޖެ، އަދީބު ރައީސް ޔާމިނާއި ހަވާލާދީ ދައްކާ ވާހަކަތައް އެއީ އެމަނިކުފާނު ވިދާޅުވެގެން ދައްކާ ވާހަކަތަކެއްތޯ ޔަގީންކުރުމަށް އެއްވެސް ކަމެއް ނުކުރަން -ޒިޔަތު-
ރައީސް ޔާމިން ވަނީ ފުއްގިރި މުއާމަލާތް އަވަސް ކުރުމަށް ރައީސް ޔާމީންގެ ފޯނުން ޒިޔަތަށް ކުރިކަމަށް އޭނާ ބުނާ މެސެޖާ ގުޅިގެން ވެސް ސުވާލު ކުރައްވާފަ އެވެ.
އެގޮތުން ޒިޔަތުގެ ފޯނުގައި ރައީސް ޔާމިނުގެ ނަން ހެޕް ނުވަތަ އިޒް އެކްސިލެންސީ ޕްރެސިޑެންޓްގެ ގޮތުގައި ސޭވްކޮށްފައި އިންނައިރު، ރައީސް ޔާމިނު ނޫން އެހެން މީހެއްގެ ނަންބަރުވެސް އެ ނަމުގައި ސޭވް ކުރެވިދާނެތޯ ރައީސް ޔާމިން އެއްސެވި އެވެ. އަދި ކޮމްޕިއުޓަރައިޒް މެސެޖެެއް އެ ނަމުގައި އައުން އެކަށީގެން ވެދާނެތޯ ވެސް އެއްސެވި އެވެ.
އޭގެ އިތުރުން ރައީސް ޔާމިނާއި ޒިޔަތާއި ދެމެދު ދެކެވިފައިވާ ވައިބާ ޗެޓް ލޮގެއް ފުލުހުން ދައްކާފައިވާއިރު، އެއީ ރައީސް ޔާމިނުގެ ފޯނުން ނަގާފައިވާ ސްކްރީން ޝްޓެއްތޯ ވެސް ވަނީ އައްސަވާފަ އެވެ.
އެ ސުވާލުތަކާއި ގުޅިގެން ޒިޔަތު ބުނީ ރައީސް ޔާމިން އެ އިޝާރާތް ކުރިގޮތަށް ސްކޭމް މެސެޖެއް ނުވަތަ ކޮމްޕިއުޓަރައިޒް މެސެޖެއް ފޮނުވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ކުށްޔަށް ދޫކުރުމުގެ މުއާމަލާތްތަކުގެ ތެރެއިން ދައުލަތަށް ވަންނަ ފައިސާގައި ޒިޔަތު ސޮއިކުރައްވާ އެސްއޯއެފް ކިޔާ ކުންފުންޏަކަށް ޖަމާކުރަމުންދާ ކަމަށާއި، އެ ކުންފުންޏަކީ ރައީސް ޔާމިނާއި އެއްވެސް ގުޅުމެއް އޮންނަ ކުންފުންޏެއް ތޯ ރައީސް ޔާމީން ސުވާލުކުރެއްވި އެވެ.
އެ ސުވާލުގެ ޖަވާބުގަ ޒިޔަތު ބުނީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ ޖަމާކުރަމުން ދިޔަ އެސްއޯއެފް ކުންފުންޏަކީ ރައީސް ޔާމިނާއި ގުޅުމެއް އޮންނަ ކުންފުންޏެއް ނޫން ކަމަށެވެ. އަދި އެ ކުންފުންޏަށް ފައިސާ ޖަމާކުރުމަށް ޒިޔަތު ޗެކުގައި ސޮއިކުރީ އަދީބުގެ އެންގުމަށް ކަމަށެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމިނުގެ މައްޗަށް އުފުލާ ދައުވާތައް ސާބިތުކޮށްދިނުމަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނޫން އެހެން އެއްވެސް ކާފީ ހެއްކެއް ނެތްކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ކުރި ގިނަ ސުވާލުތަކަށް ޒިޔަތަށް ޖަވާބުދެވިފައި ނުވާއިރު، މި މައްސަލައިގައި ހިމެނޭ މުހިންމު ކަންކަން ޒިޔަތު ހަނދާން ނެތްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.