އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ކަނޑައެޅުމަށް އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގައި ރިޔާސީ ޕްރައިމަރީ ބާއްވާނެކަމަށް އެމްޑީޕީން މިއަދު އިއުލާންކޮށްފިއެވެ.
އެ ޕާޓީން މިއަދު ނެރިފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ އަންނަ ޖަނަވަރީ މަހުގެ 28 ވަނައަށްވާ ހޮނިހިރު ދުވަހުގައި އޮންނާނެކަށެވެ.
މި ޕްރައިމަރީގައި ތާއިދުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އެ ބޭފުޅުންނަށް ތާއީދުކުރައްވާ 500 މެންބަރުންގެ ސޮޔާއިއެކުގައި 24 ޑިސެންބަރުވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލާން އެދޭ ފޯމާއި އެކުގައި ފުރިހަމަކޮށް ހުށައެޅުމަށް އެދިފައިވެއެވެ.
މިގޮތުން، އެ ޕްރައިމަރީގެ ޓައިމްލައިނެއް އާންމުކޮށްފައެވެ. އެހެންކަމުން، 18 ޑިސެމްބަރުގައި ޕްރައިމަރީ އިއުލާންކުރުމަށްފަހު، 24 ޑިސެމްބަރުގައި ކުރިމަތިލާ ކެނޑިޑޭޓުންގެ މުދައްތު ހަމަވުމުން، 26 ޑިސެމްބަރުގައި ކެނޑިޑޭޓުންގެ ފައިނަލް ލިސްޓު އާންމުކުރާނެކަމަށް އެ ޕާޓީގެ ޓައިމްލައިންގައިވެއެވެ. އަދި ވޯޓުލާ ފަރާތްތަކުގެ ލިސްޓު 28 ޑިސެމްބަރުގައި އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެއެވެ. އަދި 31 ޑިސެމްބަރުގައި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަނޑި ހަމަވާނެއެވެ. މިހެންކަމުން ފައިނަލް ލިސްޓް އާންމުކުރާނީ 3 ޖަނަވާރީގައެވެ.
ކެނޑިޑޭޓުންގެ މަންދޫބުންނަށް ޖަނަވަރީ 10 ވަނަ ދުވަހުގައި ފުރުސަތު ހުޅުވައިލުމަށްފަހު، އެ ފުރުސަތު 15 ޖަނަވަރީގައި ބަންދުވާނެއެވެ. އަދި 28 ޖަނަވަރީގައި ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނެއެވެ.
މި ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވަނީ އިއުލާންކުރައްވާފައެވެ. އަދި އެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިއުލާން ކުރައްވާފައެވެ.