މަސްތުވާތަކެތީގެ ވިޔަފާރިއަކީ ހަލާލު ވިޔަފާރިއެއް ކަމަށް ހެލްތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު މުފީދު އަނީލް ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓެއް ފާސްކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ފަސް މީހަކާއި ބައި ލައްކަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމުގެ ހަބަރެއް ފޭސްބުކަށް ހިއްސާކުރައްވަމުން އަނީލް ވިދާޅުވީ ޑްރަގުގެ ވިޔަފާރިއަކީ މިހާރު ހަލާލު ވިޔަފާރިއެއް ކަމުގައެވެ.
”ތީ މިހާރު ހަލާލު ވިޔަފާރިއެއް. އޯކޭ އެއްޗެއް. ސަޅިކަމެއް.“ އަނީލް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއަށް ހިތްވަރުދީ ހަރާން ކަމެއް ހަލާލުކޮށްފައިވާ އަނީލްގެ މަގާމަކީ ސިޔާސީ މަގާމެކެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އޭނާ އަކީ މީގެ ކުރިން މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ދިފާއުގައި މީސް މިޑިއާގައި ވަރަށް ގިނައިން ޕޯސްޓުކޮށް އުޅުނު މީހެކެވެ. އެކަމަކު މިހާރު އަނީލް އަންނަނީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކެމްޕެއިން ކުރައްވަމުން އަންނަ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ސަނާ ވިދާޅުވަމުންނެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ އަނީލަކީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއިވެސް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.