ޚަބަރު

ތިމާވެއްޓަށް ބެލުމެއްނެތި ބިން ހިއްކުމުގެ ސަބަބުން ރަށް ގިރާތީ ހޯރަފުއްޓާއި އެއާޕޯޓް ވަކި ކުރަނީ

ތިމާވެއްޓަށް ބެލުމެއްނެތި ބިން ހިއްކުމުގެ ސަބަބުން ރަށް ގިރާތީ ހޯރަފުއްޓާއި އެއާޕޯޓް ވަކި ކުރަން ނިންމައިފިއެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި އެމްޓީސީސީ ގުޅިގެން ހޯރަފުއްޓާއި އެއާޕޯޓް ގުޅޭ ސަރަހައްދު ކަނޑާލުމަށްފަހު ކޯޒްވޭއަކުން ގުޅާލުމަށް މިހާރު ވަނީ ނިންމާފައެވެ. 

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި ހޯރަފުއްޓާއި އެ ރަށުގެ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ، އަދި އެހެން ދިމާވީ، އެއާޕޯޓް އަޅަން ބިން ހިއްކި ގޮތުން ކަމަށް ވުމުގެ ފުރުސަތު ބޮޑުކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އޭރު ވަނީ ބުނަފައެވެ. 

އާންމުކޮށް އޮއިވަރަށް ބޮޑު ބަދަލެއް އަންނަ ގޮތަށް  ބިން ހިއްކުމުގެ ސަބަބުން އެފަދަ ކަންކަން މެދުވެރިވެދާނެ ކަމަށް ތިމާވެށީގެ މާހިރުން އަންނީ ބުނަމުންނެވެ. 

ކުރީ ސަރުކާރުން ހޯރަފުށީ އެއާޕޯޓް އަޅަން ޕްލޭން ކުރިގޮތް
ހޯރަފުށީގެ އެއާޕޯޓެއް އެޅުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށި މަޝްރޫއެކެވެ. އެގޮތުން އެރަށުގައި އެއާޕޯޓެއް އަޅަން އޭރު ނިންމަވާފައިވަނީ ހޯރަފުއްޓާއި އެއް ފަޅެއްގައި އޮންނަ މާ ފިނޮޅުގައެވެ. ރައީސް ޔާމިންގެ ތަސައްވުރަކީ ހޯރަފުއްޓާއި އެރަށާއި މާފިނޮޅު ކޯޒްވޭ ބްރިޖަކުން ގުޅުވާލުމެވެ. އަދި މާފިނޮޅުގައި ރަންވޭއެއް ތަރައްގީ ކުރުމެވެ. މީގެ އިތުރުން އަތޮޅުގެ ކޮންމެ ރަށަކުންވެސް އެއާޕޯޓަށް އާދެވޭނެ ގޮތަށް ނެރެއް ކަނޑައި، ފަޅެއް ތަރައްގީ ކުރުމެވެ.

ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރުން ގެނައި ބަދަލު

ކޯލިޝަން ސަރުކާރު އައުމާއި އެކު މި މަޝްރޫއުގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. އެގޮތުން ހޯރަފުށި ކައިރީގައި އޮތް ފަރެއް ހިއްކުމަށްފަހު އެތަނުގައި އެއާޕޯޓް އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވިއެވެ. އެކަން ސަރުކާރުން ކޮށްފައިވަނީ އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރުގައެވެ. 

ތިމާވެއްޓަށް ކުރި ނޭދެވޭ އަސަރު

ސަރުކާރުން މި މަޝްރޫއަށް ބަދަލުތަކެއް ގެނެސް އެއާޕޯޓް އަޅަން ކަނޑައަޅާފައިވާ ތަން ބަދަލުކުރުމުގެ ކުރިން އީއައިއޭ ރިޕޯޓެއް ނަހަދައެޗެ. ދެވަނަ ކަމަކަށް މި މަޝްރުއޫގެ މަސައްކަތް ފެށި، އެ ފިނޮޅު ހިއްކުމުގެ ނަތީޖާއަކަށްވެގެން ދިޔައީ ހޯރަފުށީ ވަށައިގެން ރަށް ގިރެން ފެށުމެވެ.  

ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވިގޮތުގައި ހޯރަފުށީ އެއާޕޯޓުގެ ފުރަތަމަ އީއައިއޭ ހެދި ފަރާތުން އެއަޕޯޓް އަޅާ ސަރަހައްދު މާފިނޮޅު ނޫން އެހެން ސަރަހައްދަކަށް ބަދަލު ނުކުރުމަށް އެދުނެވެ. އަދި މިހާރު އެއާޕޯޓު އޮތްތަނުގައި އެއާޕޯޓް ހަދައިފިނަމަ، ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަން ފާހަގަކުރިއެވެ. ހަމަ އެއާއެކު ރަނގަޅު ފެންވަރުގެ ކޯޒްވޭއެއް ހަދައި، އެއާޕޯޓު ވަށާ ހިލަޖެހުމާއި އެއާޕޯޓު ފަސްގަނޑު އުސްކުރުމަށް އޭރު ލަފާދީފައިވާކަން މުހައްމަދު ފާހަގަކުރެއްވިއެވެ. 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button