ޚަބަރުސިޔާސީ

ފުރަގަހުންވެސް ފެނިގެންދަނީ ރައީސް އިބްރާހިމް ކުރައްވާފައިވާ ބުރަ މަސައްކަތްޕުޅުތައް: ސަލީމް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހުގެ ޒަޢާމަތުގައި ހޯރަފުއްޓަށް ލިބިގެންދިޔަ ޚިދުމަތްތަކުގެ ވާހަކަ އިތުރަށް ދައްކާކަށް ނެތްކަމަށާއި، ހޯރަފުށީގެ ކަނާތަށް ބެއްލެވިޔަސް ވައަތަށް ބެއްލެވިޔަސް ކުރިމައްޗާއި ފުރަގަހުންވެސް ފެނިގެންދަނީ ރައީސް އިބްރާހިމް ހޯރަފުށި ތަރައްޤީ ކޮށްދެއްވުމަށްޓަކާ ކުރައްވާފައިވާ ބުރަ މިންނެތް މަސައްކަތްޕުޅުތައް ކަމުގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު މިއަދު ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މެމްބަރު ސަލީމްގެ ރަށް ހއ. ހޯރަފުށްޓަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

”ރައީސްގެ ޒަޢާމަތުގައި ހޯރަފުއްޓަށް ލިބިގެންދިޔަ ޚިދުމަތްތަކުގެ ވާހަކަ އިތުރަށް ދައްކާކަށް ނެތިން. އަޅުގަނޑު ޤަބޫލުކުރަން އެ ޚިދުމަތްތަކަކީ ލަފްޒަކުން ޖުމްލައަކުން މަޒުމޫނަކުން އަދި ޅެމަކުންވެސް ބަޔާންކުރަން ފަސޭހަ ޚިދުމަތްތަކެއް ނޫންކަން. ކަނާތަށް ބެއްލެވިޔަސް ވައަތަށް ބެއްލެވިޔަސް ކުރިމައްޗަށް ބެއްލެވިޔަސް އަޅުގަނޑުމެންގެ ފުރަގަހުންވެސް ފެނިގެން މިދަނީ ޢިއްޒަތްތެރި ރައީސް މިރަށް ތަރައްޤީ ކޮށްދެއްވުމަށްޓަކާ ކުރައްވާފައިވާ ބުރަ މިންނެތް މަސައްކަތްޕުޅުތައް. އެކަމަށްޓަކާ ފަށްފަށުން ރައީސް އަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން“ ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހުފަދަ ދެވަނަ ކެނޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާ ކަމަށާއި އެފަދަ ދެވަނަ ކެނޑިޑޭޓަކުވެސް ނެތްކަމަށެވެ. އަދި މިއީ ރައީސް އިބްރާހިމްގެ ޒަޢާމަތުގައި ހޯރަފުއްޓަށް ކުރި ހަތަރުވަނަ ދަތުރުފުޅު ކަމަށާއި، ރައީސްގެ މި ޒަޢާމަތުގެ ތެރޭގައި އެންމެ ގިނައިން ވަޑައިންނެވި އެއްރަކީ ހޯރަފުށިކަމާއި، އެއީ ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށްބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

އަޅުގަނޑުމެން އަނެއްކާވެސް ކުރިިމަތިމިލަނީ ވަރަށް މުހިންމު މަސައްކަތަކާ. ރިޔާސީ އިންތިޚާބަކާ އަޅުގަނޑުމެން ކުރިމަތި މިލަނީ. ބޯމަތިވަމުން މި އަންނަނީ ވޯޓު ކަރުދާސްކޮޅުގައި ޒިންމާދާރު ކަމާއެކު ފާހަގަ ޖަހަންޖެހޭ ވަގުތު، އަޅުގަނޑު ދެކޭގޮތުގައި މިކަންކަމުގައި ވަރަށް ވިސްނުންތެރި ކަމާއެކުގައި ނޫނީ ނިންމުންތައް ނިންމައިގެން ނުވާނެ. ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ފަދަ ޤާބިލު އޯގާތެރި ދެވަނަ ވެރިއެއް ކޮބާތޯ“ ސަލީމް ވިދާޅުވިއެވެ.

ސިޔާސީ ގިނަ ތަޖުރިބާކާރުން ދެބަސްވާ ވަރަށް ގިނަ ކަންކަން ހުންނަކަމަށާއި، އެހެންނަމަވެސް އެހުރިހާ ފަރާތްތަކުން އެއްބަސްވާ ކަމެއްވެސް އޮންނަކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އެކަމަކީ މަޤްބޫލު ކާމިޔާބު ވެރިންގެ ކިބައިގައި 3 މުހިންމު ކަމެއް ކަމަށެވެ. އެއީ ކޯލިޝަން ދެމެއްޓުމާއި، ރައްޔިތުންނަށް އޯގާތެރި ރައްޔިތުން އިސްކުރާ ލީޑަރަކަށް ވުން ކަމާއި، އެކަމުގެ މިސާލަކީ ކޮވިޑްގެ ދަތި ޙާލަތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ރައްޔިތުން އިސްކުރެއްވުން ކަމުގައި ސަލީމް ވިދާޅުވިއެވެ. ތިން ވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ތަސައްވުރެއް އޮންނަ ލީޑަރަކަށް ވުމެވެ.

އެގޮތުން ޤައުމީ ތަރައްޤީ އާއި ރަށު ތަރައްޤީ އާއިގުޅޭ ތަސައްވުރެއް އޮތް އެހެން ކެނޑިޑޭޓެއް ރައީސް އިބްރާހިމް ފިޔަވައި ފެނިވަޑައި ނުގަންނަވާކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ރައީސް އިބްރާހިމަކީ ޖަދަލުކުރައްވާ ބޭފުޅެެއް ނޫންކަމަށާއި، މީހުން ނިކަމެތިކުރާ ބޭފުޅެއްވެސް ނޫންކަމަށް ވިދާޅުވެ ސަލީމް ވަނީ ރައީސް އިބްރާހިމަކީ ރާއްޖޭގެ ތާރީޚު ނުދެކޭފަދަ އޯގާތެރި ވެރިއެއް ކަމަށާއި، މިފަދަ ދެވަނަ ކެނޑިޑޭޓެއް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާ ކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button